ވިޔަފާރި

އުރީދޫއިން ރާއްޖެއަށް ގެލެކްސީީ ނޯޓް 9 ތައާރަފްކޮށްފި

Aug 31, 2018

ސެމްސަންގް ގެލެކްސީ ނޯޓް 9 ރާއްޖޭގައި ރަސްމީކޮށް ތައާރަފްކުރުމަށް އުރީދޫ އާއި ސެމްސަންގ ގުޅިގެން މިރޭ ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

ލައިވް މިއުޒިކް ޝޯ އަކާއި އެކު ކުރިއަށްގެންގޮސްފައިވާ މި ލޯންޗް އިވެންޓުގައި، އުރީދޫގެ ސީއީއޯ ނަޖީބް ހާން އާއި ސެމްސަންގް އިލެކްޓްރޯނިކްސްގެ ޖެނެރަލް މެނޭޖަރު އަދި ހެޑް އޮފް މޮބައިލް ބިޒްނަސްއާއި ޑައިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ. ވަންގް ވަނީ ބައިވެރިވެފަ އެވެ.

ދުނިޔޭގައި ތައާރަފްކޮށްފައިވާ އެންމެ ބާރުގަދަ އެންޑްރޮއިޑް ފޯން ކަމަށް ގިނަބަޔަކު ޤަބޫލުކުރާ، ސެމްސަންގ ނޯޓް 9 ބައްލަވައިގަތުމަށް، އުރީދޫ ކަސްޓަމަރުންނަށް ވަނީ ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ. 6 މަސް ދުވަހަށް ނުވަތަ އެއް އަހަރަށް ބަހާލެވިފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް، މަހަކު 5 ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބި، ވަރަށް އަގުހެޔޮކޮށް ފޯނު ބައްލަވައިގަނެވޭނެ އެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ އުރީދޫ އާއި އެއްފަދައިން ދިވެހިންނަކީވެސް އައު ޓެކްނޮލޮޖީތަކާއި އީޖާދީ އުފެއްދުންތަކަށް ލޯބިކުރާ ބަޔަކަށް ވުމީ، އުރީދޫ އަށް ލިބިފައިވާ ވަރަށްވެސް ބޮޑު އުފަލެއް އަދި ނަސީބެއް ކަމަށެވެ.

"އެއްދުވަހުން އަނެއްދުވަހަށް ކުންފުނި ކުރިއަރުވައި، ބައިނަލްއަޤްވާމީ މާކެޓުތަކުގައި ތައާރަފްކުރާ އެންމެ ފަހުގެ އީޖާދީ އުފެއްދުންތައް ވީހާވެސް އަވަހަށް ރާއްޖެއަށް ގެނައުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް. ސެމްސަންގް އާއި އެކު ގެލެކްސީ ނޯޓް 9 ރާއްޖޭގައި ލޯންޗުކޮށް، މި ފޯނު ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދޭ ޚާއްސަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއްވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފައި. ކުރިއަށް އޮތްތަނުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ، ރާއްޖޭގެ އަދި ބޭރުގެ ޕާޓްނަރުންނާއި ގުޅިގެން، ދިވެހިރާއްޖެއަށް ފައިދާކުރާނެ އަދި ދިވެހިން ބޭނުންވާފަދަ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ ސެމްސަންގެ އެންމެ ފަހުގެ ފޯނު ތައާރަފުކުރީ 1،999 ރުފިޔާގެ އަޕްފްރަންޓް ފީ އަކާއި އެކު އުރީދޫ ޕޯސްޓްޕެއިޑް ބޭނުންކުރައްވާ ނުވަތަ ހިޔާރުކުރައްވާ ކޮންމެ ކަސްޓަމަރަކަށް ވެސް މި އިންސްޓޯލްމަންޓް ޕެކޭޖް ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ގޮތަށެވެ.