އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް މިރޭ ވެވަޑައިގެންފި އެވެ.
ގދ. ތިނަދޫގައި މިރޭ އިދިކޮޅު ޕާޓީތަކުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ މަސްވެރިންނަށް ހުރި ގޮންޖެހުންތައް ފާހަގަ ކުރައްވައި އެކަމަށް އޭނާގެ ވެރިކަމެއްގައި ގެންނަވާނެ ހައްލުތަކުގެ ތަފްސީލްތައް ވިދާޅުވެ ދެއްވާފަ އެވެ.
އެގޮތުން އިބޫ މިރޭ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މިހާރު ކުއްޑޫއަށް މަސް ކިރުމުން ފައިސާގެ ބަދަލުގައި ލިބެނީ ޗިޓް ކޮޅެއްކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ، މަސް ކިރުމާއެކު ވަގުތުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.
އިބޫ އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ވެވަޑައިގެންނެވީ ސީދާ މަސްވެރިންނަށް ބޭރަށް މަސް ވިއްކޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އިބޫ ވިދާޅުވީ، މަސް ގަންނަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ސީދާ މަސްވެރިން ގޮސް މަސް ވިއްކޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. އަދި މަސް ގަންނަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ވެސް ރާއްޖޭގެ މަސްވެރިންގެ ކައިރިއަށް ގޮސް މަސް ގަތުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މިހާރު ވެސް ބޭރުގެ ބައެއް އުޅަނދުތަކުން ލައިސެންސް ނަގައިގެން އަދި ނުނަގާ ވެސް މަސްވެރިކަން ކުރާކަން ފާހަގަ ކުރައްވަމުން އިބޫ ވަނީ އެކަން ހުއްޓުވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އިބޫ ވިދާޅުވީ، ރާއްޖޭގެ ކަނޑަކީ ހަމައެކަނި ދިވެހިންނަށް މަސްވެރިކަން ކުރެވޭ ތަނަކަށް ހައްދަވާނެ ކަމަށެވެ.
މަސްވެރި އުޅަނދުތަކުގައި މަސް ފިނި ކުރެވޭނެ ގޮތް ހޯދުމަށް މަސްވެރިންނަށް ލުއި ލޯނު ދޫކުރައްވާނެ ކަމަށް ވެސް އިބޫ މިރޭ ވިދާޅުވި އެވެ. އަދި ބާނާ މަސް ފަސޭހައިން ކިރޭނެ ގޮތް ވެސް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.
މަސްވެރިން ގިނަ ތިނަދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އެން ދިރުވައި އެން ރައްކާ ކުރެވޭނެ ގޮތް ވެސް އޭނާގެ ވެރިކަމެއްގައި ހޯދައިދެއްވާނެ ކަމަށެވެ. އަދި މަސްވެރިންނަށް ޑީސެލް ލިބުމުގައި އަގު ހެޔޮ ކުރުމަށްޓަކައި ޑީސެލްއިން ނަގާ އިންޕޯޓް ޑިއުޓީ އެއްކޮށް ކަނޑާލައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އެސްޓީއޯ ފަދަ ތަންތަނުން ދޫކުރާ ކްރެޑިޓް ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރިނުވުމަކީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޭންކްތަކުން ދޫކުރާ ކްރެޑިޓް ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ގިނަ ދުވަހު މަސްވެރިކަމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ސަރުކާރުން ޕެންޝަނެއް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަސްވެރިކަން އާ ޖީލަކަށް ބަދަލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ
ގިނަ އަދަދެއްގެ މީހުން ބައިވެރިވި ތިނަދޫގެ ޖަލްސާގައި އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސިޔާސަތުތަކަކީ ރާއްޖޭގެ އިގްތިސޯދު ކުރިއަރައި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ލިބިގެންދާނެ ސިޔާސަތުތަކެއް ކަމަށެވެ. އޭނާ ހާމަ ކުރައްވައި ސިޔާސަތުތައް އޮޅުވާލައިގެން ސަރުކާރުން މާނަ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ވެމްކޯ އާއި އެސްޓީއޯ އުވާލާ ވާހަކައަކީ ހަގީގެއް ނޫން ކަމަށާއި އެއިން އެއްވެސް ތަނެއް އޭނާގެ ސަރުކާރެއްގައި އުވާ ނުލައްވާނެ ކަމަށް ވިދާޅުވި އެވެ. އެސްޓީއޯ އުވާލުމުގެ ބަދަލުގައި އެތަނުން ވިޔަފާރި ކުރާ ގޮތް ބަދަލު ކުރައްވާނީ ކަމަށާއި ކަންމަތީ ފިހާރަތަކާ އެސްޓީއޯ ވާދަ ނުކުރާނެ ކަމަށް އިބޫ ވިދާޅި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އިދިކޮޅުގެ ވެރިކަމެއްގައި މުވައްޒަފުން ވަކިކުރާނެ ކަމަށް ބުނާ ވާހަކަގެ ވެސް ހަގީގަތެއް ނެތް ކަމަށާއި ގާނޫނާއި ގަވައިދާ އެއްގޮތަށް އުޅޭ އެއްވެސް މުވައްޒަފެއް ވަކި ނުކުރާނެ ކަމަށެވެ. އެ މުވައްޒަފެއްގެ ސިޔާސީ ފިކުރަކީ ޕީޕީއެމް ތޯ އެމްޑީޕީ ތޯ ނުބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތިނަދޫގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރައްވާނެ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގަތެވެ. އަދި ސީދާ ތިނަދޫއިން ރާއްޖެއިން ބޭރަށް ދަތުރު ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، ތިނަދޫގެ ވިޔަފާރިވެރިންނަށް ސީދާ އެ ރަށުން ބޯޓު ފަހަރުގައި ބޭރަށް ދަތުރުކޮށް ވިޔަފާރި ކުރެވޭނެ ކަމަށެވެ.
އިބޫ ވިދާޅުވީ، ކެމްޕެއިނަށް ދެ ފަރާތުން ވެސް ވާހަކަތައް ދައްކަމުންދާއިރު ދެ ފަރާތުން ވެސް އެއްބަސްވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މި ސަރުކާރުން ވައްކަން ކުރާ ކަމަށް އިދިކޮޅުން ބުނާއިރު އެންމެ ބޮޑު ވައްކަމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދާނެ ކަމަށް ބުނާ ބުނުމަށް ރައީސް އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ. އެއީ ބޭކާރު ކަމެއް ކަމަށް ރައީސް ވިދާޅުވާ ކަމަށެވެ. ނަމަވެސް އޭނާގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު އެ ފައިސާ ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
މިރޭ ހިނގި މާރާމާރީއަށް އިޝާރަތް ކުރައްވަމުން އިބޫ ވަނީ އެފަދަ ކުށްތަކަށް ޒުވާނުން އަރައިގަންނަ ސަބަބު ހޯއްދައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިސްލާހުވާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. ތިނަދޫގައި ވެސް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.