ހަބަރު

ހޫނު މަރުހަބާއާއެކު އިބޫ ކޮލަމާފުށީގައި: ހަމަނުޖެހުމެއް ނެތް

ގއ. ކޮލަމާފުށީގައި ހަމަނުޖެހުން ބޮޑުވެ އެ ރަށުން 18 މީހަކު ހައްޔަރު ކޮށްފައިވަނިކޮށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު އެ ރަށަށް ވަޑައިގެންފި އެވެ. އެ ރަށުން އިބޫއަށް ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔާފަ އެވެ.

އެމްޑީޕީ އަދި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ 18 މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުކޮށް 15 ދުވަހަށް ބަންދުކޮށްފަ އެވެ.

އެ ހަމަނުޖެހުމަށްފަހު ސަލާމަތަށްޓަކައި އިބޫ ކޮލަމާފުއްޓަށް ވަޑައިގަތުން ފަސް ކުރުމަށް ފުލުހުން އެދުނެވެ. ނަމަވެސް އެމްއެންޑީއެފްއިން ސެކިއުރިޓީދޭ ކަމަށް ބުނެ ދަތުރު ފަސް ކުރުމަށް އެމްޑީޕީން ދެކޮޅު ހެދި އެވެ.

މިއަދު އިބޫ ކޮލަމާފުއްޓަށް ވަޑައިގެންނެވުމުން ބަނދަރު މަތިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އެ ސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. އެ ރަށުން ހައްޔަރުކޮށްފައިވާ 18 މީހުން ދޫކޮށްލުމަށް ގޮވާލައި ބޮޑެތި ބެނާތައް ވަނީ ބަނދަރު މަތީގައި ވެސް ހަރުކޮަށްފަ އެވެ.