ޕީޕީއެމްގެ މުދަލަށް ގެއްލުން ދިން ކަމަށް ބުނެ ގއ. ކޮލަމާާފުށިން ހައްޔަރުކުރި 18 މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެމީހުންގެ ފޮޓޯތަކާއެކު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު އެ ރަށުގައި ޖަލްސާ ކުރިއަށް ގެންދަވައިފި އެވެ.
އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ 18 މީހެކެވެ. އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް މިހާރު ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
އެމީހުންނަށް ހިތްވަރު ދެއްވައި މިއަދު އިބޫ ވަނީ ވާހަކަ ވެސް ދައްކަވާފަ އެވެ. އިބޫ ވިދާޅުވީ އެއީ ކުށްވެރިންތަކެއް ނޫން ކަމަށާއި އެމީހުން ކުރީ ސިޔާސީ މަސައްކަތް ކަމަށެވެ. އެ އެންމެން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ އެއްވެސް ހަމައެއް ނެތި އެވެ. އެގޮތުން އެކަންތައް ހިނގައިދިޔައިރު މޫދުގައި އުޅުނު މީހުންނާއި ރަށުގެ އަނެއް ފަރާތުގައި ކުލަ ލާން އުޅުނު މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ. އެހެންނަމަވެސް ހިތްވަރު އެލުވައިނުލާ ފަހަތަށް ނުޖެހުމަށް އިބޫ ގޮވާލެއްވި އެވެ. އިދިކޮޅު ޕާޓީތައް އެ މީހުންނާއެކު އަބަދުވެސް ތިބޭނެ ކަމަށް ވިދާޅުވި އެވެ.
"ހަރަކާތް ކުރިއަށް ގެންދަވާށޭ، ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ، ކުރަން ޖެހުނު ކޮންމެ ކަމެއް ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް އަޅުގަނޑުމެން މިތިބީ، ތިޔަބޭފުޅުންނާއެކު ޖަލަށް ދާން ޖެހުނަސް އަޅުގަނޑުމެން މިތިބީ އެކަން ވެސް ކުރަން،" އިބޫ ވިދާޅުވި އެވެ.
ކެމްޕެއިން ކުރުމަށް ހަމަހަމަ މައިދާނެއް ގާއިމް ކޮށްދިނުމަށް އިބޫ ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގަތެވެ. އަދި ފުލުހުން ވާން ޖެހޭނީ ގާނޫނުތައް ދިފާއުކުރާ ބަޔަކަށް ކަމަށާއި ވަކި މީހަކު ބުނާ ގޮތަކަށް ކަންތައް ކުރާ ބަޔަކަށް ނޫން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
މިއަދު އިބޫ ކޮލަމާފުއްޓަށް ވަޑައިގެންނެވުމުން އެ ރަށުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެ ރަށުގައި އެއްވެސް ހަމަނުޖެހުމެއް މިއަދު ހިނގާފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ކުރިން ވަނީ އެ ރަށަށް އިބޫ މިވަގުތު ވަޑައިނުގެންނެވުމަށް އެދިފަ އެވެ.