މި މަހު ބާއްވާ ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިވާނެ ކަމަށާއި އެއީ މަންޒަރު އޮތް ގޮތް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. ގެމަނަފުށިން މިއަދު އިބޫއަށް ކީ ހޫނު އަދި ތަފާތު މަރުހަބާއަށް ޝުކުރު އަދާކުރުމުގެ ގޮތުން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ގާނޫނުން ބޭރުން އެތައް ކަމެއް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަމަށާއި ނަމަވެސް ރައީސް ޔާމީނަށް ޖެހެވަޑައިގަންނަވަނީ 23 ސެޕްޓެމްބަރު ވަނަ ދުވަހުން ފެށިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ޕާޓީތައް އެންމެ ތަންކޮޅެއް ވެސް ދޫ ނުދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ބަލިވާނެ ޝައްކެއް ނެތް، އެއީ މަންޒަރު އޮތް ގޮތް އަދި އެހެން ނަމަވެސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ދުވަސް ކޮޅެއް ނޮވެމްބަރާ ހަމައަށް ވެރިކަމުގައި ހުންނަވަން، އެ ލިބޭ ދުވަސް ކޮޅުގައި ހުންނަވަން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގަ، އެހެން ނޫނީ އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރެއްވުމަށް ރައީސް ޔާމީނަށް ވަރަށް ފަހި ފުރުސަތެއް ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ލިބުނު ބޮޑު އަގުލަބިއްޔަތު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނުގެ އަމަލުތަކުގެ ސަބަބުން އެ އަގުލަބިއްޔަތު ގެއްލި އަރިހުގައި މިހާރު ތިއްބެވީ މަދު މެންބަރުންތަކެއްކަން އިބޫ ފާހަގަކުރެއްވި އެވެ.
މަޖިލީހުގައި 12 ދާއިރާއެއްގެ އަޑު ކެނޑިފައިވާކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އިދިކޮޅުގެ ސަރުކާރެއްގައި އެކަންކަން ހައްލުވެގެން ދާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ނުހައްގުން ހައްޔަރުކޮށް އަނިޔާ ދެމުންދާ ބޭފުޅުން ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް އިބޫ ތަކުރާރު ކުރެއްވި އެވެ.