ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕެއިނަށް ހދ. އަތޮޅަށް ވަޑައިގެންފި އެވެ. މިއަދު އެންމެ ފުރަތަމަ ޝަހީމް ވަޑައިގެންނެވީ ހަނިމާދޫއަށެވެ. އެ ރަށުގައި ކެމްޕެއިނަށް މިއަދު ޝަހީމް ދޮރުން ދޮރަށް ހިންގެވިއިރު މިރޭ ވަނީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ޖަލްސާއެއް ބާއްވާފަ އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ރާއްޖޭގެ ވެރިކަން އާ ޖީލަކަށް ވާސިލްކުރަން ޖެހޭ ކަމަށާއި އެ ޖީލްގެ މުވައްސިސަކީ ރައީސް އަބްދުﷲ ޔާމީން ކަމުގައި ވާންޖެހޭ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި ކުރިއަށް ނެރެގެން ގެންދަންވީ ބިނާ ކުރުމުގެ ފިކުރެވެ.
ޝަހީމް ވަނީ އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެ އެ ކޯލިޝަނަށް ވެރިކަން ދީގެން ވާނެ ފައިދާއެއް ނެތް ކަމަށް މިރޭ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެތިން ހަތަރު މީހެއްގެ ކޯލިޝަންގެ ތެރޭގައި ރައްޔިތުން ތާށިވެފައި ތިބޭކަށް ނުޖެހެ އެވެ. އެއީ މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ތަފާތު މީހުންނާއެކު ތަފާތު ވިސްނުންތަކާއެކު ކޯލިޝަނެއް ކާމިޔާބު ނުވާނެ ކަމަކީ ރާއްޖޭގެ ތާރީހު ދައްކައިދީފައިވާ ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ރައީސް ޔާމީން ފައްޓަވާފައިވާ ބިޔަ މަޝްރޫއުތައް ހުއްޓިގެން ދާނެ ކަމަށާއި ޕާޓީތައް ކޯޅެން ފަށާނީ ވެރިކަމާ ހެދި ކަމަށެވެ. ވެރިކަމާ ހެދި ތަޅާފޮޅުމަކީ ހުއްޓަން ޖެހިފައިވާ ކަމެއް ކަމަށެވެ. އިދިކޮޅު ޕާޓީތަކުން ވެސް ރައީސް ޔާމީންއާ ގުޅި، ރަނގަޅު ކުރަން ހުރި ކަންކަން ކިޔައިދިނުމަށް ޝަހީމް ގޮވާލެއްވި އެވެ.
މާލެ އާއި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖަށް އިޝާރަތް ކުރައްވަމުން ޝަހީމް ވިދާޅުވީ، އެއީ ރައްޔިތުންނަށް އެތައް ގުނަ ފައިދާތަކެއް ލިބިގެންދާނެ ބްރިޖެއް ކަމަށެވެ. އެ މަޝްރޫއުއަކީ ރައްޔިތުން ބަލައިގަންނަ މަޝްރޫއެއް ކަމަށެވެ.
ހަނިމާދޫގެ އިތުރުން ވެސް ޝަހީމް ހދ. އެހެން ބައެއް ރަށްރަށަށް ވަޑައިގަންނަވާނެ އެވެ. އޭގެ ފަހުން ށ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.