ދުނިޔެ

ޔަމަނުގެ ބަހަކަށް ދިން ހަމަލާގައި "ގޯސްތަކެއް" ހެދިފައިވާކަމަށް ސައުދީން އެއްބަސްވެއްޖެ

Sep 2, 2018

ރިޔާދު (ސެޕްޓެމްބަރު 1) - ޔަމަނުގެ ސްކޫލް ކުދިންތަކެއް ގޮވައިގެން ދިޔަ ބަހަކަށް މިދިޔަ މަހު ދިން ހަމަލާގައި ގޯސްތަކެއް ހެދިފައިވާ ކަމަށް ޔަމަނުގައި އޮންނަ ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރަށް މަދަދުދޭން ސައުދީ އަރަބިއްޔާއިން އިސް ނަގައިގެން އުފައްދާފައިވާ އަރަބި އިއްތިހާދުން އެއްބަސްވެއްޖެ އެވެ.

ޔަމަނުގެ ސަރުކާރާއި އެއްކޮޅަށް މަސައްކަތް ކުރާ އިއްތިހާދުން ހޫސީންގެ ހަނގުރަމާވެރި ޖަމާއަތްތަކާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދިން ވައިގެ ހަމަލާއެއްގައި ބަހުގައި ދަތުރުކުރި 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 40 ކުޑަކުދިން ހިމެނެ އެވެ.

އެހަމަލާއާއި ގުޅިގެން ބައިނަލްއަގުވާމީ ފާޑިކިޔުންތައް އަމާޒުވެ، އެކަން ތަހުގީގު ކުރުމަށްފަހު، އިއްތިހާދުން ބުނީ އެ ހަމަލާ ދިނުމުގެ ފަހަތުގައި ތިބި އިސްފަރާތްތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމަށެވެ.

ހޫސީން ކޮންޓްރޯލް ކުރާ ހެލްތު މިނިސްޓްރީން ބުނީ، އެ ހަމަލާގައި މަރުވި މީހުންގެ އަދަދު 51 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 40 ކުޑަކުދިން ހިމެނޭކަމަށެވެ. އަދި އިތުރު 79 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ހަމަލާއާ ގުޅިގެން "އަވަސް އަދި މިނިވަން" ތަހުގީގެއް ކުރުމަށް އދ. އިން ވެސް އޭރު ވަނީ ގޮވާލާފަ އެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫސީންގެ އަތްދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވެފަ އެވެ.

އިރާނުން އެހީވެދޭ ހޫސީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ވަނީ ޔަމަނުގެ ސަރުކާރަށް އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފަ އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ތިން އަހަރު ވީ އިރު، އާއްމުންގެ 10،000 މީހުން މަރުވެ އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފަ އެވެ.