ދުނިޔެ

ފަލަސްތީނު ރެފިއުޖީ ޖަމާއަތަށް އެމެރިކާއިން ދޭ އެހީ ކަނޑާލުމުން ކަންބޮޑުވުން

Sep 2, 2018
1

ފަލަސްތީނު ރެޖިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ، ޔޫއެންއާރްޑަބްލިއުއޭ އަށް އެމެރިކާއިން ދޭ އެހީ ކަނޑާލުމުން އެކަން ފަލަސްތީނުން ކުށްވެރިކޮށްފި އެވެ.

މިހާތަނަށް ޔޫއެންއާރްޑަބްލިއުއޭ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން ގެންދިއަ އެމެރިކާއިން އެހީ ކަނޑާލަން ނިންމީ އެ ޖަމިއްޔާ އިސްވެ ބޮޑު ޖަރީމާތަކެއް ހިންގަމުން ގެންދާ ކަމަށް ތުހުމަތުކޮށެވެ.

އެމެރިކާގެ އެ ނިންމުމަކީ ފަލަސްތީނު ރައްޔިތުންނަށް ދިން ވަރުގަދަ ހަމަލާއެއްގެ ގޮތުގައި، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ ސިފަ ކުރައްވާފަ އެވެ.

ޣައްޒާ އާއި ވެސްޓް ބޭންކު، ޖޯޑަން، ސީރިއާގެ އިތުރުން ލެބަނާނުގައި ދިރިއުޅެމުން ގެންދާ ފަސް މިލިއަނަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޔޫއެންއާރްޑަބްލިއުއޭ ގެންދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ.

އެމެރިކާގައި ހިންގާ "ފޮރިން ޕޮލިސީ" މަޖައްލާގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އިސްވެ ހުންނަވައިގެން ފަލަސްތީނު ރެޖިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ ޔޫއެންއާރްޑަބްލިއުއޭ އަށް ހުރަސްއަޅަން ރާއްވަވަ އެވެ.

މިފަދަ މައުލޫމާތެއް ހާމަވެފައިވަނީ، މިދިޔަ ޖެނުއަރީ މަހު ޔޫއެންއާރްޑަބްލިއުއޭ އެމެރިކާ އިން ދޭން ހަމަޖައްސާފައިވާ 125 މިލިއަން ޑޮލަރުގެ އެހީ އިން، 65 މިލިއަން ޑޮލަރު ހިފަހައްޓަން ނިންމާފައި ވަނިކޮށެވެ.

ނަމަވެސް، ހުކުރު ދުވަހު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ ނުކިއްސަރު ގޮތަކަށް ހިންގާ ޖަމާއަތަކަށް އެމެރިކާ އިން އެއްވެސް އެހީ އެއް ދޭން ބޭނުން ނުވާ ކަމަށެވެ.

ޔޫއެންއާރުޑަބްލިއުއޭ އަށް ހުރަސްއެޅުމަކީ، އިޒްރޭލާއި ފަލަސްތީނު ސުލްހަ ކުރުމަށް ކުޝްނާ އިސްވެ ހުންނަވައިގެން އެމެރިކާ އިން ހުށަހެޅި "ގަރުނުގެ އެންމެ މުހިންމު އެއްބަސްވުން" ގެ ގޮތުގައި ސިފަކޮށްފައިވާ ހުށަހެޅުމުގެ މުހިންމު ބައެއް ކަމުގައި ތަޖުރިބާކާރުން ލަފާކުރެ އެވެ.