މިއުޒިކް

ނަޒީހުގެ "އަނެބައްޕަ" މިހާރު އަޑުއަހާލެވޭނެ

ނަޒީހުގެ އާ ލަވަ "އަނެބައްޕަ".

މުހައްމަދު ނަޒީހު، (ރާޅުބޯއީ) ގެ އާ ލަވަ "އަނެބައްޕަ" މިހާރު ޔޫޓިއުބު އަދި ލަވަފޮށި މެދުވެރިކޮށް އަޑުއަހާލެވޭނެ އެވެ. މިއީ ހަ ލަވަ ހިމެނޭ ނަޒީހުގެ އަމިއްލަ ސޯލޯ އަލްބަމްގެ ދެ ވަނަ ލަވަ އެވެ.

މި ލަވަ ނަޒީހު ހާއްސަކުރީ އޭނާގެ ކާފައަށެވެ. ކާފަގެ ހަނދާނުގައި ނަޒީހު އާއި އޭނާގެ އާއިލާ މެމްބަރުންގެ ބައެއް ޝުއޫރުތައް ހިމެނޭ ވީޑިއޯތަކެއް ވެސް ވަނީ ފޭސްބުކްގައި އާންމުކޮށްފަ އެވެ.

"ކާފަ ނިޔަވީ ދިހަވަރަކަށް އަހަރު ކުރިން، 'އަނެ ބައްޕަ' އަކީ ކާފައަށް ގޭގެ އެންމެން ވެސް ކިޔާ އުޅުނު ނަން، ކާފައަކީ ވަރަށް މަޖާ އަދި ހިތްހެޔޮ މީހެއް، މި ލަވަ މި ގެނެސްދެނީ ކާފަގެ ހަނދާނުގައި،" މީގެ ކުރިން އަވަސްއަށް ދިން އިންޓަވިއުއެއްގައި ނަޒީހު ބުނެފައިވެ އެވެ.

މި ލަވައަށް ގިނަ ބައެއް ތައުރީފުވެސް އަންނަނީ ލިބެމުންނެވެ. ލަވައިގެ މެލޮޑީ އާއި ލިރިކްސްވެސް ތައްޔާރުކުރީ ނަޒީހު އެވެ. މި ލަވަ ޕްރޮޑިއުސްކުރީ މިސްޓީ އެވެ. ގިޓަރިސްޓަކީ އިބްރާހިމް ޝިފާއު (ޗިއްޕެ) އަދި ބެކިން ވޯކަލްސް ކިޔާފައި ވަނީ ތޭރަ އާއި ސަމާހު އެވެ.

މޯލްޑިވިއަން އައިޑޮލްއިން ވިދާލި ނަޒީހު އެންމެ ފުރަތަމަ ގެނެސްދިން ލަވައަކީ "ރާޅޭ" އެވެ. އެ ލަވައަކީ އަދިވެސް ގިނަ ބައެއް ފޭވަރިޓް ޕްލޭލިސްޓުގައި އޮތް ލަވައެކެވެ. ޔޫޓިއުބުގައި އެ ލަވައަށް ލައްކައަކަށްވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.