ހަބަރު

ހުޅުމާލޭގައި ހައި ސްޕީޑް ފައިބާ ނެޓްވޯކެއް އަޅަނީ

ހުޅުމާލޭގައި ހައި ސްޕީޑް ފައިބާ އިންޓަނެޓް ގާއިމް ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކެލިކްސް ސާވިސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޑީ އަހުމަދު ނާސިފެވެ. އަދި ކެލިކްސް ސާވިސް އިން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީނިއާ ވައިސް ޕްރެސިޑެންޓް ގްރެގް ބިލިން އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާސިފް ވިދާޅުވީ، އަމާޒަކީ އޭޝިއާގެ ފުރަތަމަ 100 ޕަސެންޓް ގިގަބައިޓް ސިޓީއަކަށް ހެދުން ކަމަށާއި ހުޅުމާލެއަށް ދެވޭ އިންޓަނެޓްގެ ހިދުމަތް އެމެރިކާ ފަދަ ގައުމުތަކާއި އެއްވަރު ވެގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ގިގަބައިޓް ނެޓްވޯކް ގާއިމް ކުރެވި ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށްވެސް ބޮޑެތި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށްވެސް ނާސިފް ވިދާޅުވި އެވެ.

"ވަރަށް ގިނަ ސްމާޓް ހިދުމަތްތައް މިހާރު ދަނީ ތައާރަފް ކުރަމުން، އެގޮތުން ސްމާޓް ޓްރެފިކް މެނޭޖްމަންޓާއި ސްމާޓް ލައިޓިން އޮޓޯމެޓިކް ސޭފްޓީ ސާވޭލެންސް ފަދަ ހިދުމަތްތައް، އަޅުގަނޑުމެން ގާއިމް ކުރާ ނެޓްވޯކް ވާން ޖެހޭނީ މި ހުރިހާ ކަމަކަށްވެސް ބަރޯސާ ވެވޭ ވެޓްވޯކަކަށް، މި ގާއިމް ކުރެވޭ ނެޓްވޯކާއެކު އެކަންކަމަށް ބަރޯސާވެވޭނެ،" ނާސިފް ވިދާޅުވި އެވެ.

ނާސިފް ވިދާޅުވީ، މިހާރު ހުޅުމާލޭގައި އެކި ނެޓްވޯކްތައް ގާއިމް ކުރެވިފައިވާ ކަމަށާއި ފައިބާ ނެޓްވޯކް މަޝްރޫއާއެކު އެއް ނެޓްވޯކެއްގެ ތެރެއިން ހުރިހާ ސާވިސް އޮޕަރޭޓަރުންނަށް ހިދުމަތް ފޯރުކޮށް ދެވޭނެ ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޒަމާނީ ޓެކްނޮލޮޖީއާއެކު ގިނަ ހިދުމަތްތަކެއް ފޯރުކޮށް ދެވިގެންދާނެ ކަމަށްވެސް ނާސިފް ވިދާޅުވި އެވެ.