ހަބަރު

ތާރު އެޅި މަގުތައް ބުރާސްފަތި ދުވަހު ހުޅުވާލަނީ

ބްރިޖާ ގުޅޭ މަގުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި އެ މަސައްކަތްތައް ނިންމައި މި ހަފްތާގެ ބުރާސްފަތި ދުވަހު މަގުތައް ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

މަގުތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ޓުވީޓެއްގައި ހިއްސާކުރައްވަމުން މުއިޒް މިއަދު ވިދާޅުވީ، ބްރިޖާ ގުޅިގެން ހަދާ ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރިއަށްދާ ރޯޑް މާކިންގެ މަސައްކަތާއި ލައިޓް ޕޯސްޓް ތަކުގެ ބުޑު އެޅުމުގެ މަސައްކަތާއި ހުރަސް މަގުތަކާއި ގުޅުވައިލުމުގެ މަސައްކަތްތައް ނިންމަމުން ދަނީ ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ. މިކަންކަން ނިންމައި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު [ބުރާސްފަތި ދުވަސް] މަގުތައް ހުޅުވައިލާނެ ކަމަށެވެ.

ތާރު އަޅައިގެން ތަރައްގީކޮށްފައިވާ ބޮޑުތަކުރުފާނުމަގު ހުޅުވައިލާނެ ކަމަށް ހައުސިންއިން އެންމެ ފުރަތަމަ އިއުލާންކުރި ސުންގަޑި ހަމަވީ އިއްޔެ އަށެވެ. ނަމަވެސް ބުރާސްފަތި ދުވަހަށް ހުޅުވުން ލަސްކުރީ ބައެއް މަގުތަކުގެ ފިނިޝިން މަސައްކަތް އިއްޔެއަށް ނުނިމޭތީއެވެ.

ހުޅުމާލެ ފެރީ ޓާމިނަލުން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކޮށްފައިވާއިރު މަގުގައި ހަތަރު ލޭން ހަދަން ނިންމައި މަގު ވަނީ 12 މީޓަރަށް ފުޅާކޮށްފަ އެވެ. މަގުގައި ގަސް ޖަހައި ޒީނަތްތެރިކުރަން ވެސް ނިންމާފައިވެ އެވެ.