މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން އެންމެ ބޮޑެތި މަތިންދާ ބޯޓު، އޭ380 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖައްސަން ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އދ. މާމިގިލީގެ ނަރުދަމާ އިފްތިތާހުކޮށްދެއްވައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީ އާ ހަރުފަތަކަށް ގެންދެވިއްޖެ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުނިޔޭގެ އެންމެ ބޮޑެތި ބޯޓް ޖައްސަން ތައްޔާރުވުމަކީ އޭގެ މިސާލެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ.
ގައުމަށް އަންނަ ބަދަލުތަކާއި ދޭތެރޭގައި ކުދިބޮޑު އެންމެން، ޒުވާނުންނާއި ޓީޗަރުންނާއި ކަމުވޮށިގެންވާ މީހުން ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިހު ހުރި ބޯދާ ވިސްނުން ދޫކޮށް ފުދުންތެރި ރާއްޖެއަކަށް ގައުމު ހެދުމަށް އަތްތައް ދީލާލަންޖެހޭ ކަމަށެވެ.
އެމަނުކުފާނު ވިދާޅުވީ، ވަކި ފިކުރެއްގައި ގުޑާނުލެވިގެން ތިބެންޖެހޭ ވަގުތު ފާއިތުވެގެން ގޮސްފި ކަމަށެވެ. ތަރައްގީގެ އާ ޒަމާނަކަށް އެންމެން އެކުގައި އެމަނިކުފާނާއެކު ވާސިލުވުމަށް ވިސްނުމުން ޖާގަ ފަހިކުރަންވީ ވަގިތު މިއޮތީ އައިސްފައި ކަމަށެވެ. އެ ތަރައްގީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންނަށް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މުޅި ރާއްޖެ އެކީ އެބަޖެހޭ ހިއްލައިލެވެން. އިގްތިސޯދީގޮތުން، އިޖްތިމާއީ ގޮތުން، އަބަފު މީހުން ގާތު ސަލާން ނުޖަހާ ބަޔަކު އުޅޭ މުރުއްވަތްތެރި ރައްޔިތަކު އުޅޭ ދައުލަތަކަށް ރާއްޖެ ވާން އެބަޖެހޭ. އެކަން ކުރަންޖެހެނީ ދައުލަތުގެ އުފެއްދުންތެރިކަން މިހާރު މިއޮތް ވަރަށްވުރެ އުފުލާލައިގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖެ ތަރައްގީކުރުމަށް ލޯނު ނެގުމުން ރާއްޖެ ދަރުވާލާފައިވާ ކަމަށް އިދިކޮޅުން ބުނަމުން ދާއިރު އެ ލޯނުތަކުގެ ސަބަބުން ގެނެވުނު ތަރައްގީއިން ރައްޔިތުންނާއި ގައުމަށް ލިބިގެންދިޔަ ކުރިއެރުމާއި ފަސޭހަ ނުފެންނަ ކަމަށެވެ. މިއަދު ދިވެހި ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ކުންފުނިތައް އާމްދަނީ އިތުރުކުރަން ފަށައިފި ކަމަށާއި އޭގެ ސަބަބުން މީހުންނަށް ވެސް އެ މުއްސަނދިކަން ލިބެމުންދާކަމަށް ވިދާޅުވި އެވެ. އެހެންކަމުން ދިވެހި ދައުލަތް މިއަދު އޮތީ މުއްސަނދިވެފައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ތަރައްގީ މިތަނަށް އައިސް އޮތްގޮތް ބަލާލާފަ ވިސްނާލަން އުނދަގޫހެއްޔޭ މީގެ ކުރިން އޮތީ 7 މިލިއަނޭ. މިހާރު އޮތީ 260 މިލިއަނޭ. ބުނީމަ ތަރައްގީއައީ ކިހިނެއްކަން އެނގޭނެ. މީގެ ކުރީގަ އަޅުގަނޑުމެންގެ ރިޒާވްގައި ހުރީ ވަރަށް ކުޑަކުޑަ އަދަދެއްގެ ފައިސާކޮޅެއް. ދުއިސައްތަ ވަރަކަށް މިލިއަން ޑޮލަރު ނެތް. މިއަދު އަޅުގަނޑު މި ދެއްކީ މިއޮތް ބޮޑު ދަރަނި ދައްކައި، އެމްޑީޕީ ސަރުކާރު ނިމުނު އިރުގައި 29 ހާސް މިލިއަން. ދެ އަހަރު ބައިގައި ޖުމްލަ ރާއްޖެއަށް ލިބޭ އާމްދަނީ. އެ އަދަދުން އޮތީ ދަރައި. އެ އަދަދު ފިލުވިއްޖެ. އޭގެ އިތުރަށް އާ މަޝްރޫއުތަކެއް ހިންގައްޖެ،" ރައީސް ވިދާޅުވި އެވެ.
ތަރައްގީއާ ތަހުޒީބާއި ކުރިއެރުމުގެ ވާހަކަތައް އެމަނިކުފާނަށް ދެއްކުނަސް އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ ކުރިމަތީގައި މި ވާހަކަތައް ދެއްކޭނެ ފެންވަރެއް ނުހުންނާނެ ކަމަށެވެ. އަދިވެސް ދެންވެސް ރައްޔިތުންނަށް ވޭނުންވާ ކުރިއެރުމާއި ތަރައްގީ ހޯދައިދެވޭނީ، އަދި ހޯދައިދޭނީ ވެސް އެމަނިކުފާނު ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު މި ދައްކަނީ އޭ 38 ރާއްޖޭގެ އެއާޕޯޓަށް ޖައްސާ ވާހަކަ އެހެންވީމަ ނެތެއް ނޫންތޯ އިތުރަށް ދައްކާނެ ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.