ހަބަރު

ޓެބްލެޓް ނުލިބޭ، މިހާރު އޭގެ ވާހަކައެއް ވެސް ނުދައްކާ: ބެލެނިވެރިން

ސްކޫލްތަކުގެ ކިޔެވުން ޑިޖިޓަލައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފެށި "ޓެބްލެޓް" މަޝްރޫއުގެ ދަށުން ލިބެންޖެހޭ ޓެބްލެޓްތައް އަދިވެސް ނުލިބޭ ކަމަށް ގިނަ ސްކޫލްތަކެއްގެ ބެލެނިވެރިން ބުނެފި އެވެ. އެކަމާ ގުޅިގެން ބެލެނިވެރިންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނާއި ދަރިވަރުންނަށް ވާ ވަރަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް ގެނެސް އެ ޓެބްލެޓްތައް ބެހުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފެށިތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ބައެއް ރަށްރަށުގެ ސްކޫލްތަކުގައި ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުވެސް ކުރި އެވެ. ނަމަވެސް ގިނަ ސްކޫލްތަކަށް އަދިވެސް ޓެބްލެޓް ދޫނުކުރެ އެވެ. އެކަން ކުރިއަށްދާގޮތެއް މިހާރު ބެލެނިވެރިންނަކަށްވެސް ނޭނގެ އެވެ.

"ތަންކޮޅެއް ކުރިން ބެލެނިވެރިން ގެންދިޔަ ބައްދަލުވުމަކަށް. އެކަމަކު އޭގެ ފަހުން ނުވެސް ދައްކާ ޓެބްލެޓްގެ ވާހަކައެއް މިހާރު،" އަމީނިއްޔާ ސްކޫލްގެ ގްރޭޑް ދޭއްގެ ބެލެނިވެރިއަކު "އަވަސް" އަށް ބުންޏެވެ.

މާލޭގެ ބައެއް ސްކޫލްތަކަށްވެސް އަދި ޓެބްލެޓް ދޫކޮށްފައިނުވާއިރު، ކަލާފާން ސްކޫލުގެ ބެލެނިވެރިއަކު މިއަދު "އަވަސް"އަށް ބުނީ އެ ސްކޫލްގެ ގްރޭޑް ދިހައެއްގެ ކުދިންނަށް ޓެބްލެޓް މިހާރު ހަވާލުކޮށްފި ކަމަށެވެ. ނަމަވެސް ދަށު ގްރޭޑްތަކުގެ ދަރިވަރުންގެ އަތަށް އަދިވެސް ޓެބްލެޓް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ބަލާއިރު އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ހދ ކުޅުދުއްފުށީ ސްކޫލް ކުދިންނަށް ވެސް އަދި ޓެބްލެޓް ނުލިބެ އެވެ. ގިނަ ސްކޫލްތަކެއް ހުންނަ ގދ ތިނަދޫގެ ދަރިވަރުންނަށް ވެސް އަދި ޓެބްލެޓް ނުލިބެ އެވެ.

"މިރަށުގެ އެއްވެސް ސްކޫލެއްގެ ކުއްޖަކަށް ޓެބްލެޓް ލިބުނު ކަމަކަށް ނުވޭ. ހަމަ ޔަގީނުންވެސް ތިނަދޫ ސްކޫލުގައި ކިޔަވާ އަޅުގަނޑުގެ ގްރޭޑް ތިނެއްގެ ދަރިފުޅާއި ގދ އަތޮޅު ތައުލީމީ މަރުކަޒު ގްރޭޑް 10 ގައި ކިޔަވާ އަޅުގަނޑުގެ ބޭބެގެ ދަރިފުޅަށް އަދިވެސް ޓެބްލެޓް ނުލިބޭ،" ތިނަދޫ ސްކޫލްގެ ބެލެނިވެރިއަކު ހިއްސާކުރިއެވެ.

ޓެބްލެޓް ލިބުނުތޯ ސުވާލުކޮށްލުމުން ބައެއް ބެލެނިވެރިން އެ މަޝްރޫއު މިހާރު "މެދުކަނޑާލީތޯ" ވެސް ސުވާލުކުރި އެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ކަށަވަރުވެފައިވާ ގޮތުގައި ޓެބްލެޓް ސަޕްލައި ކުރަން ހަވާލުކުރި ކުންފުނިން ވަނީ އެއްބަސްވުމާ އެއްގޮތަށް ހަމަޔަށް މިނިސްްޓްރީއަށް ޓެބްލެޓް ހަވާލުކޮށްފަ އެވެ.

ދެވަނަ ޓާމް ފެށިގެން ލަސްތަކެއްނުވެ ރާއްޖޭގެ ހުރިހާ ސްކޫލްކުދިންނަށް ޓެބްލެޓް ހަވާލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެ މަޝްރޫއަށް ބޭނުންވާ އިންޓަނެޓް ވިއުގަ ވެސް ވަނީ ސުކޫލްތަކުގައި ގާއިމްކޮށްފަ އެވެ.

މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ސްކޫލްތަކުގެ ޓީޗަރުންނަށް ދޭންޖެހޭ ޓެބްލެޓްތައް ޓީޗަރުންނަށް ދީ، ކުދިންނާ ހަވާލުކުރާ ޓެބްލެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދެ އެވެ. އެއީ މިދިޔަ ޖޫން މަހެވެ. އޭގެ ފަހުން އެ މަޝްރޫއާ ގުޅިގެން އެއްވެސް އަޕްޑޭޓެއް ދީފައެއް ނުވެ އެވެ.