ދުނިޔެ

ހަމަނުޖެހުން ހިންގާނަމަ ބާރުގެ ބޭނުންކުރަން ލަންކާއިން ނިންމައިފި

Sep 5, 2018

ކޮލޮމްބޯ (ސެޕްޓެމްބަރު 5) - ސްރީލަންކާގެ ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ވެރިރަށް ކޮލޮމްބޯގައި މިއަދު ރާވާފައިވާ ބޮޑު މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިންގައިފިނަމަ، ބާރުގެ ބޭނުންކުރަން ކެބިނެޓުން ފާސްކޮށްފި އެވެ.

ސްރީލަންކާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ރައީސް މައިިތިރިޕާލަ ސިރިސޭނަ ކެބިނެޓާއެކު ބޭއްވި ބައްދަލުވުމެއްގައި މުޒާހަރާ އާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިންގައި ދައުލަތާއި އާންމުންގެ މުދަލަށް ގެއްލުންދޭން މަސައްކަތްކޮށްފިނަމަ އެކަން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރަން ކެބިނެޓުންވަނީ ނިންމާފަ އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރާ މުޒާހަރާއި ގުޅިގެން ކޮލޮމްބޯގެ މައި ސަރަހައްދުތަކުގައި 5،000 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މުޒާހަރާ ފަށާ ސަރަހައްދާއި، މުޒާހަރާގެ ބައިވެރިން ސީދާ މިސްރާބު ޖަހާނެ ދިމާލެއް އިދިކޮޅުން ހާމަކޮށްފައިނެތުމުން، ކޮލޮމްބޯގެ މައި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާނެކަމަށްވެ އެވެ.

މީގެ އިތުރުން ރަޔަޓު ފުލުހުން، ކަރުނަ ގޭހާއި ހައި ޕްރެޝަރުގަ ފެންޖެހޭފަދަ އާލަތްތަކާއެކު ތައްޔާރީ ހާލަތުގައި ތިބޭނެކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ދަރިކަލުން، ނަމަލް ރާޖަޕަކްސަ އިސްވެ ހުންނަވައި ބާއްވާ ބޮޑު މުޒާހަރާއަކަށް އިދިކޮޅު ޕާޓީތައް ދަނީ ތައްޔާރުވަމުން އެވެ. އެ ގައުމުގެ އެކި ސަރަހައްދުތަކުން މީހުން ގެނެސްގެން ކޮލަމްބޯގައި ބާއްވާ، މުޒާހަރާގެ ބޭނުމަކީ ޕްރޮވިންސް ކައުންސިލްގެ އިންތިހާބުތައް އަވަސްކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމެވެ.

މުޒާހަރާއި ގުޅިގެން ގައުމުގެ މަސްރަހު ހަލަބޮލިވުމުގެ ފުރުސަތު އޮތުމުން އެ ސިޓީގައި ދިރިއުޅޭ ދިވެހިން ސަމާލުވެ ތިބުމަށް، އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ އާންމުކޮށް އިލްތިމާސްކޮށްފަ އެވެ.