ދުނިޔެ

ތޫފާނާއި ގުޅިގެން ޖަޕާނުގެ މައި އެއާޕޯޓެއް ބަންދުކޮށްފި

Sep 6, 2018

ޓޯކިޔޯ (ސެޕްޓެމްބަރު 4) - މިދިޔަ 25 އަހަރުގެ ތެރޭގައި ޖަޕާނަށް އެރި އެންމެ ބާރުގަދަ ތޫފާނާއި ގުޅިގެން، އެ ގައުމުގެ ހުޅަނގުން އޮންނަ މައި އެއާޕޯޓެއް ބަންދުކޮށް، ތާށިވެފައިތިބި އެތަކެއް ހާސް ފަސަންޖަރުންނެއް ސަލާމަތްކޮށްފި އެވެ.

ޖެބީގެ ނަން ދެވިފައިވާ ތޫފާނުގެ ސަބަބުން ޖަޕާނުގެ ހުޅަނގުން އޮންނަ ބޮޑެތި ސިޓީތައް ކަމުގައިވާ ކިޔޯޓޯ އަދި އޮސާކާއަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ޖަޕާނުގެ މައި ތިން ސިޓީއަކާއި ގުޅިފައިވާ ކަންސައި އެއާޕޯޓް ބަންދުކުރަންޖެހުނީ، ތޫފާނުގައި ބަނދަރުކޮށްފައި އޮތް ޓޭންކަރެއް، އެއާޕޯޓު ގާއިމުކޮށްފައިވާ ރަށާއި ގުޅުވާފައިވާ ބްރިޖުގައި ޖެހި، ބްރިޖުގެ ބައެއް ހަލާކުވުމުގެ ސަބަބުންނެވެ.

ތޫފާނު އެރުމާއި ގުޅިގެން، މިހާތަނަށް 10 މީހުން މަރުވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކަންސައި އެއާޕޯޓް ގާއިމުކޮށްފައިވަނީ ވަކިން އޮންނަ ހިއްކާފައިވާ ރަށެއްގަ އެވެ. އެ ރަށް ގުޅާފައިވަނީ ބްރިޖަކުންނެވެ. ތޫފާނު އެރި ވަގުތު އޮޔާއި، ވަޔާއެކު އެ ސަރަހައްދުގައި ބަނދަރުކޮށްފައި އޮތް ޓޭންކަރެއް އޮޔައި އައިސް އެ ބްރިޖުގައި ޖެހުމުގެ ސަބަބުން، އެ ބްރިޖުގެ ބައެއް ވަނީ ހަލާކުވެފަ އެވެ.

ތޫފާނުގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުފަތުރުގެ ހުރިހާ ނިޒާމެއް ހުއްޓުމަކަށް އައިސްފައިވާއިރު، އޮސާކާ ބައިނަލްއަގުވާމީ އެއާޕޯޓުގައި ތާށިވެފައިތިބި އެތަކެއް ހާސް ފަސަންޖަރުން މިހާރު ވަނީ އެހެން އެއާޕޯޓަކަށް ގެންދެވިފަ އެވެ.

ބުދަ ދުވަހާއި ހަމައަށް 1.2 މިލިއަން މީހުން ގެދޮރުދޫކޮށް ދިއުމަށްވެސް ޖަޕާނު ސަރުކާރުން ވަނީ އެލާޓު ނެރެފަ އެވެ. ދެ މިލިއަނަށް ވުރެ ގިނަ ގޭބީސީތަކުން ކަރަންޓު ކެނޑިފައިވާއިރު، އެ ސަރަހައްދުގެ ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކުރެވިފަ އެވެ.