ސާފް ސުޒުކީ ކަޕް

ބޫޓާން ބަލިކޮށް ނޭޕާލް މުބާރާތުގެ ދެމިއޮތުން ދަމަހައްޓައިފި

ބޫޓާންގެ މައްޗަށް 4-0 ގެ ނަތީޖާެކުން ކާމިޔާބު ހޯދައި، ސާފް ސުޒުކީ ކަޕްުގައި ދެމިއޮތުމުގެ އުންމީދު ނޭޕާލުން ދަމަހައްޓައިފި އެވެ.

ފުރަތަމަ ކުޅުނު ދެ މެޗުން، ދެ ޓީމުވެސް ބލިވެފައި ވުމުން، ދެ ޓީމުވެސް މެޗަށް ނިކުތީ، މަރުގެ މެޗެއް ކަމަށް ދެކިގެންނެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ނޭޕާލްގެ ވަގުތީ ކޯޗް ބާލް ގޯޕާލް މާހަޖަން ބުނީ، މެޗަށް އޭނާގެ ޓީމު ނިކުންނާނީ ސެމީއަށް ދިއުމުގެ އުންމީދު ދެމެހެއްޓުމަށް ކަމަށެވެ. ނޭޕާލް މޮޅުވުމުން، އަމިއްލަ ބާރުގައި ސެމީއަށް ދިއުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ބޫޓާން ބަލިވުމުން އެ ޓީމަށް ވަނީ ގާތްގަނޑަކަށް ފުރުސަތު ގެއްލިފަ އެވެ.

މިއަދުގެ މެޗުގައި ނޭޕާޅްގެ ފަހު ތިން ލަނޑު އެ ޓީމުން ކާމިޔާބު ކުރީ، މެޗުގެ އެންމެ ފަހު 20 މިނެޓްގައެވެ. ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ، މެޗުގެ 21 ވަނަ މިނެޓްގައެވެ. ކޯނަރަކުން ތަނަވަސް ވި ބޯޅައިން ލަނޑު ޖެހީ އަނަންތާ ތަމަންގް އެވެ.

ނޭޕާލްދެ ވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ސްނިލް ބާލް އެވެ. ލަނޑު ޖެހުމުގެ އިތުރަށް އިތުރު ދެ ލަނޑު ޖަހަން އޭނާ ފުރުސަތު ތަނަވަސް ކޮށްދިނެވެ. ނޭޕާލްގެ ތިން ވަނަ ލަނޑު 79 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަހްރަތު ކަވާސް އެވެ.

ނޭޕާލްގެ ހަތަރު ވަނަ ލަނޑު، މެޗުގެ 88 ވަނަ މިނެޓްގައި ސްނިލް ބާލް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ، ނިރަޖާން ކަޑަކާ އެވެ. މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ޕާކިސްތާނާއި ބަންގުލަދޭޝް ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގަ ގާތްގަނޑަކަށް ޔަގީން ވާނެ އެވެ.