ހަބަރު

އިދިކޮޅު ޖަލްސާއަށް ދައުވަތު ދޭން މެންބަރުން ޕިކަޕަށް

އަންނަ ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު ކޯލިޝަންގެ ޖަލްސާއަކީ ތިން އަހަރު ފަހުން އެ ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާއެކެވެ. އެތައް ދުވަހަކަށްފަހު ޖަލްސާ ބޭއްވުމަށް ފުރުސަތު ލިބުމާއެކު އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެގޮތުން މިއަދު ހަވީރު އެމްޑީޕީއަށް ނިސްބަތްވާ މާލޭ މެންބަރުން ވަނީ ޕިކަޕެއްގައި އަޑުގަދަ ކުރާއިން ޖަލްސާއަށް ދައުވަތު ދެއްވާފަ އެވެ. މި ހަރަކާތުގައި ބައިވެރިވަޑައިގެންނެވީ މެންބަރު އިވާ އަބްދުﷲ އާއި މާރިޔާ ދީދީ އާއި އަލީ އާޒިމާއި މުހައްމަދު ފަލާހެވެ.

އެމްޑީޕީއިން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަކީ އަޖައިބު ކުރުވަނިވި ޖަލްސާއަކަށް ވެގެންދާނެ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، "ޖަޒީރާ ރާއްޖެ ބޮޑު ޖަލްސާ"ގެ ނަމުގައި ބާއްވާ ޖަލްސާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމިފައިވާކަން އެނގިގެންދާނެ ޖަލްސާއެއް ކަމަށެވެ. މުޅި މާލެ ވެސް އޮތީ އެފަދަ ޖަލްސާއަކަށް ކެތްމަދުވެފައި ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ޝައުގުވެރި ބޮޑު ޖަލްސާއެއް ހޮނިހިރު ދުވަހު ބާއްވާއިރު މާދަމާ ރޭ ޕީޕީއެމްއިން ވަނީ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފަ އެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯ އިއުލާން ކުރާނެ އެވެ.