މާލެ-ހުޅުލެ ގުޅައިލި ސިނަމާލެ ބްރިޖް މާދަމާގެ ވަގުތެއްގައި އާންމުކޮށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާއިރު، މާލެއިން ބްރިޖް ހުރަސްކޮށްދާ ވެހިކަލްތަކަށް އެއާޕޯޓަށް ވަދެވޭ އުސޫލު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން އާންމުކޮށްފި އެވެ.
އެމްއޭސީއެލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެއާޕޯޓަށް ވަންނަ ވެހިކަލްތައް މަޑު ކުރަން ޖުމްލަ ހަތަރު ސްޓޮޕެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެއާޕޯޓަށް ފުރަން ދާ ފަރާތްތައް ދަތުރުކުރާ މާލެ-ހުޅުމާލެ ބަހާއި އަމިއްލަ ކާރާއި ވޭން އަދި ޓެކްސީތަކަށް ވަކި ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. އެ ސަރަހައްދުގައި މަޑު ކުރާ އުޅަނދުތަކަށް މަޑުކުރެވޭނީ ހަމައެކަނި ފަސިންޖަރުން ގެންދާ މުދާ ބޭލުމަށެވެ.
އެއާޕޯޓަށް އެތެރެވާ ފަސިންޖަރުން ނެގުމަށް ދާ ވެހިކަލްތަކަށް ވެސް ވަކި ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. މި ސަރަހައްދަށް ވަދެވޭނީ އަމިއްލަ ކާރާއި ވޭން އަދި ޓެކްސީތަކަށް އެކަންޏެވެ.
އެއާޕޯޓަށް އެތެރެވާ ފަސިންޖަރުންނާއި އެމީހުންގެ މުދާ ނެގުމަށް ވަންނަ މާލެ-ހުޅުމާލެ ޕަބްލިކް ބަސްތަކަށް ހާއްސަ ސަރަހައްދެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. މިއިން އެއްވެސް އުޅަނދަކަށް ޕާކިން އޭރިއާގައި ނޫން ތަނެއްގައި ގިނަ އިރު މަޑުކޮށްގެން އޮތުމަކީ މަނާ ކަމެކެވެ.
އެމްއޭސީއެލް އިން ބުނީ، އެއާޕޯޓަށް ވަންނަ ވެހިކަލްތައް ޕާކް ކުރުމަށް ހާއްސަ ޕާކިން ޒޯނެއްވެސް ކަނޑައަޅާފައިވާނެ ކަމަށެވެ. އެ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުގެ ސައިކަލް އަދި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރެވޭނެ ކަމަށެވެ. ޕާކިން އޭރިއާއަށް ވަނުމަށް ހާއްސަ ހުއްދައެއް ބޭނުމެއް ނުވާނެ އެވެ. ނަމަވެސް އެ ތަނުގައި ޕާކުކުރެވޭނީ އެމްއޭސީއެލުން ކަނޑައަޅާ ހާއްސަ ފީއަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެއާޕޯޓް ޕާކިންޒޯންގައި ޕާކްކޮށްދޭ އަގުތައް
- 1 ގަޑި އިރު - ކާރު/ހަތަރު ފުރޮޅުލީ އުޅަނދު 20ރ. ސައިކަލް 10ރ.
- 2 ގަޑި އިރު - ކާރު/ހަތަރު ފުރޮޅުލީ އުޅަނދު 30ރ. ސައިކަލު 15ރ.
- 3 ގަޑި އިރު - ކާރު/ހަތަރު ފުރޮޅުލީ އުޅަނދު 40ރ. ސައިކަލު 20ރ.
- ތިން ގަޑި އިރަށްވުރެ އިތުރުވާ ކޮންމެ ގަޑި އިރަކު: ކާރު 30ރ. ސައިކަލު 10ރ.
މާލެއާއި ހުޅުލެއާ ދެމެދުގެ ދަތުރުތަކަށް ބްރިޖް ހުޅުވާލުމާއެކު އެ ދެމެދުގެ ފެރީ ދަތުރުތައް ހުއްޓާލާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.