ސާފް ސުޒުކީ ކަޕް

ގައުމީ ޓީމުގެ މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެ

ސާފް ސުޒުކީ ކަޕުގައި ވާދަ ކުރާ، ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުތައް ގައުމީ ޓީވީ "ޓީވީއެމް" އާއި "ޔެސް ޓީވީން" ދުރައް ދައްކާނެ ކަމަށް ޕީއެސްއެމުން ބުނެފި އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު މިއަދު ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ. މިއަދުގެ މެޗުން މޮޅުވެގެން، ރާއްޖެއަށް ސެމީ ފައިނަލުގެ ޖާގަ ލިބޭނެ އެވެ.

މުބާރާތުގެ ކުޅުން މިދިޔަ އަންގާރަ ދުވަހު ފަށާފައިވާއިރު، މިދިޔަ ތިން ދުވަހުގެ މެޗުތައް ޕީއެސްއެމްގެ ޗެނަލް ތަކުން ދައްކާފައެއް ނުވެ އެވެ. ޕީއެސްއެމުން މެޗުތައް ދައްކައި ދިނުމަށް އެދި ކުޅިވަރު ދާއިރާގެ ގިނަ ބަޔަކު އެދެމުން ދިޔަ އެވެ.

މުބާރާތުގެ ބްރޮޑްކާސްޓިން ރައިޓް ޕީއެސްއެމްއަށް ވިއްކުމުގެ އާގާ މެދު މުބާރާތް އިންތިޒާމު ކުރާ އިންޑިއާގެ ވޯލްޑް ސްޕޯޓްސް ގުރޫޕާ (ޑަބްލިއުއެސްޖީ) ދެމެދު އެއްބަސް ނުވެވި ދުވަސްތަކެއް ހޭދަވީ، ރާއްޖެއަށް މެޗު ވިއްކަން ޑަބްއެސްޖީން ހުށަހެޅި އަގު ބޮޑުވުމުންނެވެ.

އިއްޔަ ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވީ، އަގު ކުޑަ ކުރުމަށް އެދި ޑަބްލިއުއެސްޖީއާ އިތުރަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ރާއްޖެ ހިމެނޭ ގުރޫޕް "ބީ" ގައި ދެން ހިމެނެނީ، އިންޑިއާ އެވެ. މިއަދު ރާއްޖެއިން ލަންކާ ބަލިކޮށްފިނަމަ، ރާއްޖެއާއެކު އިންޑިއާވެސް ސެމީ ފައިނަލަށް ދާނެ އެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި، އިންޑިއާ ވަނީ ލަންކާގެ މައްޗަށް 2-0 ން ކުރި ހޯދާފަ އެވެ. ރާއްޖެއާ އިންޑިއާ ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ، ރާއްޖޭގަޑިން މިއަދު ހަވީރު 6:00 ގަ އެވެ.