ހަބަރު

ސިޓީ ޗެކިން އާއި ބަސް ދަތުރުތައް ފަށައިފި

މާލޭގައި ސިޓީ ޗެކިން އާއި ހުޅުލެ އަދި ހުޅުމާލެއަށް ކުރާ ބަސް ދަތުރުގެ ހިދުމަތްތައް މިއަދު ފަށައިފި އެވެ.

ސިނާއީ އަވަށުގައި ހަދާފައިވާ ބަސް ޓާމިނަލްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ 37 ދުވަސްގެ ތެރޭގައި ބަސް ޓާމިނަލް އިމާރާތްކޮށް ނިންމައި ފަސިންޖަރުންނަށް ހުރިހާ ހިދުމަތްތައް ދިނުމަށް މިހާރު ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން މިއަދު 4:00 އަކުން ފެށިގެން 6:00 އަކަށް އަދި މާދަމާ ހެނދުނު 7:00 އަކުން ފެށިގެން ވެސް ބަސް ދަތުރުތައް އޮންނާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި އަންނަ އާދީއްތަ ދުވަހު ރަސްމީކޮށް ދަތުރުތައް ފައްޓާ ރޭގަނޑު 1:00 އަކާ ހަމަޔަށް ވެސް ބަސް ދަތުރުތައް ކުރާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރައްޔިތުންނަށް ފަސޭހަ ހިދުމަތްތަކެއް ދެވޭތޯ ހާއްސަކޮށް ޕީކް ގަޑީގައި އޮފީހަށް ދާ އަދި އަންނަ ގާޑީގައި މިއަށް ވުރެ ވެސް ފްރީކުއަންޓުކޮށް ބަސް ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ،" ހަލީމް ވިދާޅުވި އެވެ.

ހުޅުމާލެ އާއި ހުޅުލެއަށް ބަސް ދަތުރުތައް ކުރާއިރު ގާތްގަނޑަކަށް 10 މިނެޓާއި 15 މިނެޓާ ދޭތެރޭ ރައުންޑެއް ޖެހޭ ގޮތަށް ބަސް ދަތުރުތައް ޝެޑިއުލް ކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. މިހާރު 22 ބަހެއް އޯޑާކޮށް ނުވަ ބަހެއް މާލޭގައި ދުއްވަމުންދާ އިރު އެ ބަސްތައް ލިބުނުހާ އަވަހަށް އިތުރަށް ހިދުމަތްތައް އަވަސް ވެގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. އޭގެ އިތުރުުން ސްމާޓް ކާޑް ސިސްޓަމެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށާއި ހުރިހާ ފަސިންޖަރުންނަށް ވެސް އެ ކާޑު ގަނެގެން ކާޑު ރީޗާޖުކޮށްގެން ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މި މަހު 15 ގައި ޑަބަލް ޑެކާ ބަސްތަކެއް ވެސް ގެންނާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ސިޓީ ޗެކިންގެ ހިދުމަތްތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ހެޑް އޮފް ގްރައުންޑް އޮޕަރޭޝަން އަހުމަަދު އިބްރާހިމް ވިދާޅުވީ އެ ކުންފުނިން ސިޓީޗެކިންތައް ތައްޔާރުވެ މިއަދު ހިދުމަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މާދަމާ ހެނދުނު ހުރިހާ ފްލައިޓެއްގައި ޗެކިންގެ ހިދުމަތްތައް ކުރިޔަށްދާނެ ކަމަށާއި ހުޅުމާލޭގައި ވެސް އެ ހިދުމަތްތައް ދެމުން އަންނާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. ނަމަވެސް ހުޅުމާލޭގައި ހިދުމަތް ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސިންޖަރުންނާ ނުލާ ޗެކިން ކުރުމުގެ ކަންތައްތައް ކުރިޔަށް ދާނެ ކަމަށާއި އެގޮތުން ގޭގައި ތިބެގެން އައިޑީކާޑާއި ހުރިހާ ޑޮކިއުމަންޓުތަކާއެއްކޮށް ސެންޓަރަކަށް ޗެކިން ކުރެވޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެއަށް ފަހު ޑޮމެސްޓިކް ނަމަ 45 އަދި އިންޓަނޭޝަނަލް ނަމަ އެއް ގަޑިއިރު ކުރިން ލަގެޖުތައް މާލެފަޅިއަށް ދޫކޮށްލުމަށް ފަހު އެއާޕޯޓަށް ވަޑައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަހުމަދު ވިދާޅުވީ ސިޓީ ޗެކިންގެ ހިދުމަތްތަކަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި ހިދުމަތް މުޅިން ހިލޭ ދޭނެ ކަމަށެވެ.

ބަސް ދަތުރުތަކާއި ސިޓީ ޗެކިން މިއަދު ފަށާފައިވާ އިރު މިއަދު ވަނީ އާންމުންނަށް ބްރިޖު ވެސް ހުޅުވާލައިފަ އެވެ.