ހަބަރު

އާ ރަންވޭއަށް އިންޑިޔާ ފްލައިޓް ޖެއްސި މައްސަލަ ތަހުގީގު ކުރާނަން: މިނިސްޓަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހަދައި އަދި ނުހުޅުވާ އޮތް ރަންވޭގައި އެއާ އިންޑިއާގެ ބޯޓެއްް ޖެއްސި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދަޅުވެއްޖެ އެވެ.

އާ ރަންވޭގައި ބޯޓު ނުޖެއްސުމަށް ނިޝާންތައް ޖަހާފައި ވަނިކޮށް އަދި އެތާނގައި ބައެއް މަސައްކަތް ވެސް ހިނގަނިކޮށް އިންޑިޔާގެ އޭ 320ގެ ބޯޓެއް "އޮޅިގެން" ޖެއްސި މައްސަލަ ހިނގައިދިޔަ ގޮތް އެއާޕޯޓުން ވެސް ގެންދަނީ ބަލަމުންނެވެ. އެކަމާ ބެހޭ ގޮތުން މިނިސްޓަރު އާދަމް ޝަރީފް ފޭސްބުކްގައި މިއަދު ވިދާޅުވީ ވީއައިއޭގެ އާ ރަންވޭއަށް ގަވައިދާ ހިލާފަށް ފްލައިޓު ޖެއްސި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.

މި ބޯޓް ޖެއްސި އިރު އެ ރަންވޭގައި އޭ380 ގެ ބޯޓް ޖެއްސުމަށް ސަރުކާރުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ޗައިނާއިން ތަރައްގީ ކޮށްފައިވާ އާ ރަންވޭގެ މައިގަނޑު މަސައްކަތްތައް ވަނީ ނިންމާލާފައެވެ. ރަންވޭ ދަތުރުތަކަށް ހުޅުވަން ނިންމާފައި ވަނީ އަންނަ ޑިސެންބަރު މަސް ތެރޭގަ އެވެ.