ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓީވާޓް އާއެކު ބޭއްވެވި ބައްދަލް ކުރެއްވުމެއްގައެވެ.
ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލް ކުރެއްވުމުގައި އެއާޕޯޓްގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލްވުމާއި ގުޅޭ އިތުރު ތަފްސީލެއް ޑިފެންސުން ހާމައެއް ނުކުރެއެވެ. އެއާޕޯޓްތަކުގެ ސެކިއުރިޓީ ބަަލަހައްޓަމުން ދަނީ ޑިފެންސް މިނިސްޓްރީގެ ދަށުގައި އޮންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ.
އެމްއޭސީއެލްގައި އެމްޑީއެއް ނެތްތާ ދެ އަހަރަށްފަހު އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ގޯޑަން އެންޑްރޫ ސްޓީވާޓް، ޑިފެންސް މިނިސްޓަރާ ބައްދަލްކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ގޯޑަން އެންޑްރޫ އަކީ އޭވިއޭޝަން ދާއިރާގެ 20 އަހަރު މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެކި ގައުމުތަކުގައި ވައިގެ ދަތުރުފަތުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ. އަދި ޔޫރަޕާއި މެދުއިރުމަތި އަދި އުތުރު އެފްރިކާ އާއި އޭޝިއާ އަދި އުތުރު އެމެރިކާގެ އެކި ގައުމުތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ.