ހަބަރު

ބްރިޖުގައި ދުއްވާއިރު ހެލްމެޓު އަޅަން އިލްތިމާސްކޮށްފި

ސިނަމާލޭ ބްރިޖުގައި ސައިކަލު ދުއްވާ އިރު ހެލްމެޓް އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން އިލްތިމާސްކޮށްފި އެވެ.

މާލެއާ ހުޅުލެ ގުޅުވައިދޭ ބްރިޖު މިއަދު 4:00 ޖަހާއިރު ހުޅުވި އިރު ގިނަ އަދަދެއްގެ މީހުން ވަނީ ބްރިޖަށް އަރައިފަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ދެ ފުރޮޅުލީ އުޅަނދުތައް ބްރިޖު ހުރަސް ކުރާއިރު ހެލްމެޓު ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ބްރިޖުގައި ދުއްވޭ އެންމެ ބާރު މިނަކީ ގަޑިއިރަކު 25 ކިލޯމީޓަރާއި 50 ކިލޯމީޓަރުގެ ބާރު މިން ކަމަށެވެ.

ބްރިޖްގައި ދަތުރު ކުރުމުގެ ގަވައިދުގައިވާ ގޮތުން ބްރިޖާއި ލިންކް ރޯޑުގެ ދެ ފަރާތުން އެންމެ ބޭރުގައިވާ ދެ ލޭންއަކީ ޕަބްލިކް ބަސްތަކާއި ސައިކަލުތަކަށް ހާއްސަ ކުރެވިފައިވާ ދެ ލޭން އެވެ. މެދުގައިވާ ދެ ލޭން ހާއްސަކޮށްފައި ވަނީ ކާރާއި ޕިކަޕު ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ.

ރިންގް ރޯޑާއި ހައިވޭއާ އެކު ބްރިޖު ހުޅުވާލި އިރު މިއަދު ވަނީ ރިންގް ރޯޑުގައި އެކްސިޑެންޓެއް ވެސް ހިނގައިފަ އެވެ.