ހަބަރު

ބްރިޖުގެ ފުރަތަމަ ދުވަހު ވެސް އެކްސިޑެންޓެއް

Sep 8, 2018
5

ހުޅުލެ އާއި މާލެ ގުޅުވައިދޭ ބްރިޖު އިއްޔެ ހަވީރު ހުޅުވާލިއިރު އެ ތަނުގައި ފުރަތަމަ ދުވަހު ވެސް އެކްސިޑެންޓެއް ވެއްޖެ އެވެ. ރޭ ހިނގާފައިވާ އެކްސިޑެންޓަކީ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.

އެކްސިޑެންޓާ ގުޅިގެން ފުލުުހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކްސިޑެންޓުގައި ސައިކަލުތަކަށް ގެއްލުން ލިބުނު ނަމަވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.

ބްރިޖާ ގުޅޭ ބޮޑު ތަކުރުފާނު މަގުގައި ވެސް އިއްޔެ އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އޭރު އެ މަގު ހުޅުވާލިތާ 24 ގަޑިއިރު ނުވެ އެވެ. އޭގެ އިތުރުން ރޭ ހުޅުލެ ލިންކް ރޯޑްގައި ވެސް ކާރަކާައި ސައިކަލެއް ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފަ އެވެ. އެ އެކްސިޑެންޓްގައި ވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މީގެއިތުރުން މިއަދު ހެނދުނު ވެސް އާޓިފިޝަލް ބީޗް ކުރިމަތީ ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއްވި އެވެ. އެ އެކްސިޑެންޓްގައި ވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ބްރިޖާއެކު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވާލި މަގުތަކުގައި ބާރު ސްޕީޑްގައި ވެހިކަލްތައް ދުއްވަމުންދާއިރު ޓްރެފިކް އެ މަގުގައި ބަލަހައްޓަމުން ނުދެ އެވެ. ޓްރެފިކް ފުލުހުން ތިބެނީ ހަމައެކަނި ބްރިޖަށް ވަންނަ ސަރަހައްދުގަ އެވެ.