ހަބަރު

އިންތިހާބުގައި އަމިއްލަ ގަލަމުން ވޯޓް ލެވޭނެ

ވޯޓު ކަރުދާސްކޮޅުގައި ހެޔޮފާހަގަ ޖެހުމަށް ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަން ވެއްދޭނެ ކަމަށާއި އެކަމަށް ހިއްވަރު ދޭ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނާއި ހިލާފުނުވާ ގޮތުގެ މަތިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ހިއްވަރު ވެސް ދޭނެ ކަމަށެވެ. ޝަރީފް ވިދާޅުވީ، ވޯޓުކޮޅުގައި ފާހަގަލުމަށް އިލެކްޝަން ކޮމިޝަނުން ބާއްވާ ގަލަމާ މެދު ޝައްކު އުފެދޭ ފަރާތްތަކުން ވޯޓު ލުމަށް މަރުކަޒަށް އަންނަ އިރު އަމިއްލަ ގަލަމެއް ގެނައުމަކީ ކޮމިޝަނުން ވެސް ވަރަށް ބޮޑަށް ހިއްވަރުދޭ ކަމެއް ކަމަށެވެ.

"މީގެ ކުރީގެ އިންތިހާބު ތަކުގައި ވެސް ގަލަމް ވެއްދުމުގެ ހުއްދަ ދޭ. މި އަހަރުގެ އިންތިހާބުގައި ވެސް ގަލަން ވެއްދޭނެ. އިލެކްޝަން މޮނިޝަނުން ބާއްވާ ގަލަމާ މެދު ޝައްކުވާ ބޭފުޅުން އަމިއްލަ ގަލަމް ހިއްޕަވައިގެން ވަޑައިގަންނަވާ،" ޝަރީފް ވިދާޅުވި އެވެ.

އަމިއްލަ ގަލަން ވޯޓުލާ މަރުކަޒަށް ވެއްދުނު ކަމުގައި ވިޔަސް ގެންނަ ގަލަމް ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އަނބުރާ ގެންދަންޖެހޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ބޫތުގައި ގަލަމް ބާއްވާފައި ދޭތޯ ޗެކު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަމިއްލަ ފަރާތްތަކުން ގެންދާ ގަލަން ވޯޓުލާ މަރުކަޒަށް ވެއްދޭނެ ކަމުގެ ޔަގީންކަން ޝަރީފް މިއަދު ދެއްވާފައިވާއިރު އިދިކޮޅުން ވަނީ، ފާހަގަ ޖެހުމުން ވަކި ވަގުތެއްގެ ތެރޭގައި ފޮހެވޭފަދަ ގަލަމެއް އީސީ އިން މިފަހަރުގެ އިންތިހާބުގައި ބޭނުންކުރަން އުޅޭ ކަމުގެ ތުހުމަތު ކޮށްފަ އެވެ. އަދި އެކަން ސާފުކޮށްދިނުމަށް އިދިކޮޅު ކެންޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ގޮވާލައްވާފަ އެވެ.

ޝަރީފް މިއަދު ވިދާޅުވީ، ވޯޓު ލާ މީހާ ފާހަގަ ޖެހުމަށްފަހު ވޯޓު ފޮއްޓަށް ވައްޓާލާ ގަނޑުކޮޅާއި އޭގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަރުވާ ކަމަށެވެ. އެވަރަށް މިއަހަރުގެ އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.