މިމަހު އޮންނަ ރިޔާސީ އިންތިހާބުގައި ބޭނުން ކުރާ ވޯޓު ކަރުދާސް ޑިޒައިނިން މަސައްކަތްތައް ނިންމައި، ކަރުދާސްތައް ޕްރިންޓަށް ދޭން އިލެކްޝަން ކޮމިޝަނުން ތައްޔާރުވެއްޖެ އެވެ.
އިެލކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ، ވޯޓު ކަރުދާހުގެ ޑިޒައިން މިދިޔަ ހަފްތާގައި ނިންމާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވޯޓު ކަރުދާސް ޕްރިންޓުކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކަރުދާސްތައް ޕްރިންޓް ކުރަން ދޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ކަމަށެވެ.
މިއަހަރުގެ އިންތިހާބުގައި ބޭނުންކުރުމަށް ތައްޔާރުކުރާ ވޯޓު ކަރުދާހުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް ވަރަށް ވަރުގަދަ ސެކިއުރިޓީ ފީޗާތަކެއް ހިމަނާފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން ސައްހަކަން ކަށަވަރުކުރުމަށްފަހުގައި ނޫނީ އެއްވެސް ވޯޓު ކަރުދާހެއް މިފަހަރު ނުގުނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަރަށް ފަސޭހައިން އެތާ ތިބޭ އޮފިޝަލުންނަށް ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރެވޭ ކަހަލަ ފީޗާސްތަކެއް އަޅުގަނޑުމެން މިފަހަރު ލާފައި ހުންނާނީ. އަދި އޭގެ އިތުރަށް އޭގެ ސައްހަކަން ކަށަވަރުކުރާނެ އެހެން އާލާތެއް ބޭނުންވާނަމަ އެ ވަސީލަތެއްވެސް ވޯޓު ލާ މަރުކަޒުތަކުގެ އިދާރީތަކެތީގެ ތެރޭގައި އަޅުގަނޑުމެން ހިމަނާފައި ބަހައްޓާނަން،" ޝަރީފް ވިދާޅުވި އެވެ.
ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ބައެއް ވޯޓު ފޮށިތަކުގައި ސައްހަނޫން ވޯޓު ކަރުދާސްތަކެއް ހުރިކަމަށް ބުނެ ފެންމަތިވި ބައެއް މައްސަލަތަކަށް އިޝާރާތްކުރައްވައި ޝަރީފް މިއަދު ވިދާޅުވީ އެފަދަ މައްސަލަތަކެއް މި އަހަރުގެ އިންތިހާބުގައި ދިމާ ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ހުރިކަމުގައި ވިޔަސް ސައްހަ ނޫން ކަރުދާހެއް އިންތިހާބުގައި ނުގުނާނެ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް ވިދާޅުވި އެވެ.
ވޯޓު ކަރުދާސް ޕްރިންޓުކުރުމާ ހަމައަށް މަސައްކަތް ކުރިއަށްގޮސްފައިވާއިރު، ކަރުދާސްތައް ޕްރިންޓުކުރުމާ ގުޅޭގޮތުން އިންތިހާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޝަކުވާއެއް އަދި މިހާތަނަށް ނުލިބޭ ކަމަށް ވެސް އީސީން މިއަދު ވަނީ ބުނެފަ އެވެ. އެފަދަ ޝަކުވާއެއް ލިބިއްޖެ ނަމަ ގާނޫނުގައި އޮންނަ ގޮތަކުން އެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.