ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށް ދެއްވި މިނިސްޓަރު އުމަރު ޒާހިރު އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރައްވާކަން މިރޭ ހާމަ ކުރައްވައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާގައި އުމަރު ޒާހިރު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އުމަރު ޒާހިރު މީގެ ކުރިން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ބައްދަލު ކުރައްވާފައިވެ އެވެ. ނަމަވެސް ފާޅުގައި ތާއީދު ކުރައްވާކަން ހާމަ ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
ރައީސް މައުމޫންއާ ގާތް އުމަރު ޒާހިރު އިބޫއަށް ތާއީދު ކުރައްވާފައިވާއިރު ކުރީގެ މިނިސްޓަރެއް ކަމަށްވާ އައްބާސް އިބްރާހިމް ވެސް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަ އެވެ. ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އައްބާސް އިބްރާހިމް މީގެ ކުރިން ވެސް ރައީސް މައުމޫން ދޫކޮށްލުމަށް ގޮވާލައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި ސަރުކާރުގައި ވެސް މަސައްކަތް ކުރައްވާފައިވާ ރައީސް މައުމޫންގެ ސަރުކާރުގެ މިނިސްޓަރު އަނީސާ އަހުމަދު ވެސް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަ އެވެ.