ރާއްޖޭގެ ތާރީހުގައި ރާއްޖެއަށް ޖައްސާ އެންމެ ބޮޑު ބޯޓު ކަމަށްވާ އިއްތިހާދު އެއާވޭސްގެ އޭ380-800 ގެ ފްލައިޓް މިމަހު ޖައްސަން ތައްޔާރީތައް ވާން ފަށައިިފި އެވެ.
"އަވަސް" އަށް އެނގިފައިވާ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ތައްޔާރު ވަމުން ގެންދާ މި ތާރީހީ ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ބޯޓް ރާއްޖޭގައި ޖައްސާއިރު އެ ބޯޓު ދުއްވާނީ ވެސް ދިވެހި ޕައިލެޓެކެވެ. އެނގިފައިވާ ގޮތުގައި މި ފްލައިޓް ދުއްވާނީ ގިނަ އަދަދެއްގެ ފައިލެޓުން އެ އާއިލާއެއްގައި ތިބޭ "ޝޭޑީކެބިން ފެމެލީ" ގެ އެއް މެންބަރެވެ. މިއީ ރާއްޖޭގައި ހުރި ހަމައެކަނި އޭ 380 ފްލައިޓް ދުއްވާ ޕައިލެޓެވެ.
އޭ 380 އަކީ ރާއްޖޭގެ ތާރީހުގައި ޖައްސާނެ އެންމެ ބޮޑު ފްލައިޓަށް ވާނެ އެވެ. ޑަބަލް ޑެކަށް ހަދާފައިވާ މި ފްލައިޓުން އެއް ފަހަރާ 868 މީހުން އުފުލޭނެ އެވެ.
ވީއައިއޭ ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަޝްރޫއުގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ އާ ރަންވޭގެ މަސައްކަތް ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ނެވެ. ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާފައިވެ އެވެ. އާ ރަންވޭގެ މަސައްކަތް ކުރަން 400 މިލިއަން ޑޮލަރުގެ މި މަޝްރޫއު ޗައިނާ ބީޔޫސީޖީއަށް ސަރުކާރުން ހަވާލު ކުރުމާއެކު، ބިން ހިއްކުމުގެ މަސައްކަތް ކުރަން ވަނީ މަޝްރޫއު ގަލްފް ކޮބްލާ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ވަނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އާ ރަންވޭ އަޅާ ސަރަހައްދުގެ 62 ހެކްޓަރު (ގާތްގަނޑަކަށް 100 ފުޅުބޯޅަ ދަނޑު) ގެ ސަރަހައްދެއް ހިއްކާ ނިންމާލާފަ އެވެ. އަދި 3،300 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ޖަހާފައިވެ އެވެ.