ހަބަރު

ރާއްޖެ ޓީވީން ޖޫރިމަނާ ފައިސާ ދައްކައިފި

Sep 9, 2018
14

ރާއްޖެ ޓީވީއިން ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފަންޑު ފޮށި ބަހައްޓައިގެން ފައިސާ އެއްކޮށްގެން އެ ސްޓޭޝަނުން މިއަދު ދައްކައިފި އެވެ. ޖޫރިމަނާގެ ފައިސާ މިއަދު ހެނދުނު މީރާއާ ހަވާލުކުރީ ނަގުދު ފައިސާއިން އެވެ.

ފޮށިފޮއްޓަށް އަޅާފައި ހުރި ދެ މިލިއަން ރުފިޔާ، މީރާއަށް ހަވާލު ކުރުމުގެ ކުރިން، މީރާގެ ދޮރުމަތީގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާއްޖެޓީވީގެ ސީއީއޯ ހުސެން ފިޔާޒު މޫސާ ވިދާޅުވީ، ދެ މިލިއަން ރުފިޔާ ހަމަވެގެން ދިޔައީ އާންމު ރައްޔިތުން ފަންޑަށް ހަދިޔާ ކުރި ފައިސާ އާއި މުވައްޒަފުން ރާއްޖެޓީވީގެ ޓީޝާޓް ވިއްކައިގެން ހޯދި ފައިސާއިން ކަމަށެވެ. ފިޔާޒު ވިދާޅުވީ ދެ މިލިއަން ރުފިޔާ އަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި މިފަދަ ބޮޑު އަދަދެއް ހަމަވެގެން ދިޔައީ ރައްޔިތުން އެ ސްޓޭޝަނަށް ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ބޯމައްޗަށް މި ޖޫރިމަނާ ވައްޓާލި ކޮމިޝަންގެ މެންބަރުންނަށް އެނގިވަޑައި ނުގެންފާނެ މިއީ ކިހާވަރެއްގެ ބުރައެއްކަން. އެކަމަކު އަޅުގަނޑުމެން މުވައްޒަފުންގެ ބުރަ މަސައްކަތުން އެންމެން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން މި ފައިސާ މި ހަމަކުރެވުނީ. މިކަމުން އެނގެނީ ރާއްޖެ ޓީވީއަށް އޮތް އިތުބާރު. ރާއްޖެ ޓީވީގެ އަޑު ކަނޑުވާލަން ކޮމިޝަނުން ކުރާ މަސައްކަތަށް ރައްޔިތުން ނޫނެކޭ ބުނާކަން. ރައްޔިތުން އެބޭފުޅުންގެ އަސާސެއް ނެތް ނިންމުންތައް ގަބޫލު ނުކުރާކަން،" ފިޔާޒު ވިދާޅުވި އެވެ.

އެ ތަނުގައި ހުންނަވާ، ރާއްޖެޓީވީގެ ލޯޔަރު ވިދާޅުވީ، އެ ފައިސާ މިއަދު ދެއްކުމަށް ފަހު އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ބުނާ ގޮތުން، އެ ގާނޫނުގެ ދަށުން ބްރޮޑްކޮމް އިން ކުރާ ޖޫރިމަނާއަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ ނިންމުން ކޯޓެއްގައި އިސްތިއުނާފު ކުރެވޭނީ އެ ފައިސާ ދެއްކުމަށް ފަހު އެވެ.

ލޯޔަރު ވިދާޅުވީ އެ ސްޓޭޝަން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ސަބަބު އަދިވެސް ތަފްސީލްކޮށް ބްރޮޑްކޮމް އިން އެ ސްޓޭޝަނަށް އަންގާފައިނުވާ ކަމަށެވެ. އަދި އޭނާ ޔަގީން ކުރައްވަނީ ރާއްޖެ ޓީވީއާ މެދު ކުރާ ޖޫރިމަނާތަކުން އެ ޓީވީއިން ދައުލަތަށް ދެއްކި ފައިސާ ކޯޓް މަރުހަލާގެ ތެރެއިން އަނބުރާ ހޯދޭނެ ކަމަށެވެ.

"މިއީ ވަގުތީ ގޮތުން އަޅުގަނޑުމެންނަށް ގެއްލިގެންދާ ފައިސާއެއް. އަޅުގަނޑުމެން އުންމީދު މި ކުރަނީ މިގޮތަށް ހަމައެއް ލަމައެއް ނެތި އިންސާފުން ބޭރުން މި ކުރާ ޖޫރިމަނާތަކުގެ ފައިސާ އަޅުގަނޑުމެންނަށް ޝަރުއީ މަރުހަލާގެ ތެރެއިން ހޯދޭނޭ. އެކަން އަޅުގަނޑުމެން ޔަގީން ކުރަން،" ލޯޔަރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރާއްޖެ ޓީވީ އެކި ފަހަރުމަތިން ޖޫރިމަނާ ކުރި އެވެ. އެ ފަހަރުވެސް ރާއްޖެ ޓީވީއިން އެ ފައިސާ
ހަމަކުރީ ފަންޑްފޮށި ހުޅުވައިގެން އެވެ. އެކި މައްސަލަތަކާ ގުޅިގެން ބްރޮޑްކޮމް އިން މިހާތަނަށް ރާއްޖެ ޓީވީ އަށް ކުރި ޖޫރިމަނާގެ އަދަދު 3.7 މިލިއަން ރުފިޔާއަށް އަރަ އެވެ.