ސްޕެއިން

އެންރީކޭގެ ކޯޗުކަމުގައި ޑެހެއާ އެނބުރި އަސްލު ފޯމަށް

ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭގެ ކޯޗުކަމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާގެ އަސްލު ފޯމަށް އެނބުރި އަތުވެއްޖެ އެވެ.

ވޯލްޑްކަޕުގައި އޭނާގެ ފަރާތުން ފެނުނު ދަށް ކުޅުމާއެކު، ޑެހެއާއަށް ފާޑު ކިޔުން އަމާޒުވި އެވެ. ނަމަވެސް ޔޫއެފްއާ ނޭޝަން ލީގްގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ސްޕެއިންއަށް ކާމިޔާބު ކޮށްދިނުމުގައި ޑޭވިޑް ޑެހެއާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ވަނީ އިންގްލެންޑުން ފޮނުވާލި ގިނަ ބޯޅަތަކެއް ދިފާއު ކޮށްފަ އެވެ.

އެންރީކޭ ބުނީ، ވޯލްޑްކަޕުގައި ޑެހެއާގެ އެންމެ ރަނގަޅު ކުޅުން ނުފެނުނަސް އަލުން ލިބުނު ފުރުސަތުގައި އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރުކަން ޑެހެއާ ސާބިތުކޮށް ދީފި ކަމަށެވެ.

"ޑެހެއާ އާމެދު އަހަރެމެން އެއްވެސް ޝައްކެއް ނުކުރަން،" ރޭ ގެ މެޗަށް ފަހު ވާހަކަ ދައްކަމުން އެންރީކޭ ބުންޏެވެ. "އެހެން މީހުންނަށް ހެދޭހެން އޭނާއަށް ގޯސް ހެދޭނެ، ނަމަވެސް އަހަރެމެންގެ މިހުރީ ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރު، އޭނާ މެޗުގައި ދެއްކީ (އިނގިރޭސި ލީގް) ގައި މުޅި އަހަރު ދެއްކާ ކުޅުން، އަދަދުތަކުން ވާހަކަ ދައްކަންޏާ އޭނާއަކީ ދުނިޔޭގެ އެއް ވަނަ ކީޕަރު."

ރޭގެ މެޗުގައި، އިންގްލެންޑުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މާކޯސް ރަޝްފޯޑް އެވެ. ލޫކޫ ޝޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ޖެހީ، 11 ވަނަ މިނެޓްގަ އެވެ.

ސްޕެއިންއިން ނަތީޖާ ހަމަހަމަ ކުރުމަށް ނެގީ ދެ މިނެޓެވެ. ރޮޑްރިގޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ސައުލް ނިގޭޒް އެވެ. ދެ ވަނަ ލަނޑު ރޮޑްރިގޯ ކާމިޔާބު ކުރީ ތިއާގޯ އަލްކަންޓާރާ ތަނަވަސް ކޮށްދިން ފުރުސަތަކުން، ކާމިޔާބު ކުރީ ރޮޑްރިގޯ އެވެ. އެއީ މެޗުގެ 32 ވަނަ މިނެޓްގަ އެވެ.