ހަބަރު

ޒުވާނުންގެ ފައިގައި ޓެގް އެޅުވުމުގެ ބޭނުމެއް މިހާރު ނެތް: މިނިސްޓަރު

ވިޔާނުދާކޮށް އުޅުނު ޒުވާނުން ކުށްކުރުމުން ވަރަށް ބޮޑަށް ދުރުވެފައިވާ ކަމަށާއި އެ މީހުން ކިޔަމަން ކުރަން މިހާރު ފައިގައި ޓެގް އެޅުވުމުގެ ބޭނުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ "ތަރައްގީ އާޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، މީގެ ކުރިން ސިޔާސީ ފަރާތްތަކުން ޒުވާނުންގެ ސިކުނޑިތަކަށް ސަވާރުވެ މަސްތުވާތަކެއްޗާއި ބޮޑެތި މާރާމާރީތަކުގެ ތެރެއަށް އެ ޒުވާނުން ވައްދައި މަގު އޮޅުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ މިންނެތް މަސައްކަތުން ޒުވާނުންނަކީ ގައުމަށް ބޭނުންތެރި ބަޔަކަށް ހަދާފައިވާ ކަމަށެވެ. ޒުވާނުންނަށް ލުއި ލޯނުގެ ފުރުސަތުތައް ހުޅުވާލައި އެ މީހުންނަކީ އިގްތިސާދުގެ ހިއްސާދާރުންގެ ގޮތުގައި ހަދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ޒުވާނުންނަށް އަދަބު ދިނުން ނޫން ކަމަށާއި އެ މީހުންގެ ކުށުގެ ވެށިން އެއް ފަރާތް ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ކުރެއްވި މަސައްކަތަކީ ޒުވާނުން ކުށުގެ ވެށިން ސަލާމަތްކުރުން. ކުދި ކުށްތަކުގައި ތިބި މީހުންނަށް އިތުރު ފުރުސަތު ދިނުން. ޓެގު އެޅުވުމާއި ބަންދުގައި ބައިތިއްބުމެއް ނޫން ރައީސްގެ ވިސްނުމަކީ. މިއީ ޒުވާނުންގެ ކްރިއޭޓިވިޓީ ގެއްލޭކަމެއް، މިހާރުގެ ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެތިބި ހަރުދަނާ ބައެއް. މިހާރު ޓެގްއަޅުވަން ބޭނުމެއް ނުވޭ،" މިނިސްޓަރު އަޒުލީން ވިދާޅުވި އެވެ.

ފައިގައި ޓެގްއަޅުވަމުން އަންނަނީ، އެކި ގްރޫޕްތަކަށް ނިސްބަތްވާ ޒުވާނުން މޮނީޓާ ކުރުމުގެ ގޮތުން އެވެ. މިފަހަކަށް އައިސް އެކަން ކުރުން އޮތީ މަޑު ޖައްސައިލައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ބަންދުގައި ބައިތިއްބައިގެން ޒުވާނުންގެ ކުރިމަގު ހަލާކޮށްލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިނިސްޓަރު ވިދާޅުވީ ޖަލުތަކަށް ޒުވާނުން ލައިގެން އަނިޔާކުރުމުގެ ސަގާފަތަށް މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި، ތައުލީމީ ފުރުސަތުތަކާއި ވަޒީފާގެ ގިނަ ފުރުސަތުތައް ހޯދައިދީފައިވާ ކަން މިނިސްޓަރު ވިދާޅުވި އެވެ.

"ޖަލުގެ ގޮޅިތަކުގެ ފަހަތުގައި ތިބޭ ބައެއްގެ ބަދަލުގައި، އެމީހުންނަކީ މުޖުތަމައަށް ފައިދާކުރުވަނިވި ބަޔަކަށް ހެދުމަށް މަސައްކަތްކޮށް އެކަން ކާމިޔާބުކޮށްފިން. މީގެތެރޭގައި ކުދި ކުށްތަކުގައި ޖަލުގައި ތިބި މީހުންނަށް ދެވަނަ ފުރުސަތު ދިނުމާއި، މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ ފަރާތްތަކަށް ރިހެބިލިޓޭޝަން ފަރުވާދިނުމާއި، ޖަލުގައި ތިބެގެން ތައުލީމް ހޯދުމުގެ ފުރުސަތު ދިނުމާއި، އާމްދަނީ ހޯދުމުގެ ފުރުސަތުތައްވެސް ވަނީ ފަހިކޮށްދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ހުކުމް ތަންފީޒުކުރުމަށް ޖަލުގައި ތިބޭ ގައިދީންއަށް ލިބޭ އާމްދަނީއިން އާއިލާއަށް އެހީތެރިވުމާއި ފަހަށް ރައްކާކުރުމަށް އެހީތެރިވަމުން އަންނަ ކަމަށެވެ. މީގެ ބޭނުމަކީ އެ މީހުންގެ ހިއްސާވެސް މުޖުތަމައުގެ ތަރައްގީގައި ބޭއްވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.