ނިއުރޭޑިއަންޓް

ބުރުޒޮންގެ ހިތް ނިއު އާ ދުރެއްނުވި، ނިއު ބަންގާޅަށް

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗް، ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސްގެ މިހާރު ކޯޗު ކޮށްދޭ ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއިން، އެކުވެރި ކަމުގެ މެޗެއް ކުޅެން ނިއު އަށް ދައުވަތު ދީފި އެވެ.

ނިއު ރޭޑިއަންޓް ދޫކޮށް، ބޮށުންދަރާ ކިންގްސްއާ ބުރުޒޮން ހަވާލުވީ މިދިޔަ މަހު ފަހު ކޮޅުގައެވެ. ނިއު ރޭޑިއަންޓާއެކު، ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރި، ބުރުޒޮން ވަނީ މީގެ ކުރިން އިންޑިއާގެ ގޯއާ އެފްސީއަށްވެސް ކޯޗު ކޮށްދީފަ އެވެ.

ބަންގުލަދޭޝްގެ ނިލްފާމަރީގެ ޝައިހް ކަމާލް ސްޓޭޑިއަމްގައި ކުޅޭ މެޗު އޮންނާނީ މި މަހު 21 ވަނަ ދުވަހު އެވެ.

ބަންގުލަދޭޝް ނިއުގެ ޓީމުގެ ދިއުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ، ބަންގުލަދޭޝްގެ ވިޔަފާރި ކުންފުނި ބޮށުންދާރާ ގުރޫޕުން ހިންގާ ޓީމުންނެވެ. ބޮށުންދަރާ ގުރޫޕަކީ، ބަންގުލަދޭޝްގައި ރިއަލް އެސްޓޭޓްގެ ވިޔަފާރި ކުރާ ކުންފުންޏެވެ.

ބޮށުންދަރާ ޔުނައިޓަޑްގެ ރައީސް އިމްރުލް ހަސަން ވަނީ، ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދަށް އެޑްރެސްކޮށް، ރަސްމީކޮށް ދައުވަތު ފޮނުވާފަ އެވެ.