ވިޔަފާރި

އާ ރަންވޭ ހެދީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް، މާހިރުންގެ ލަފަޔާ އެކު: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަސައްކަތް ކުރި އަށް ދަނީ ދުނިޔޭގެ އަށް ގައުމެއްގެ މާހިރުން ހިމެނޭ ޓީމެއްގެ ބެލުމުގެ ދަށުން، ދުނިޔޭގެ އެންމެ ބޮޑު ކުންފުނިން ކަމަށާއި އާ ރަންވޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭނެ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވީއައިއޭގެ އާ ރަންވޭ 18 ވަނަ ދުވަހު ހުޅުވާއިރު، ރަންވޭ ހަދާފައިވަނީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކާ ހިލާފަށް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާތީ އާ ރަންވޭ މަތީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ކުރަނީ މި ބާވަތުގެ މަސައްކަތްތަކުގައި ކޮންސެލްޓެންސީ ދޭ މަޝްހޫރު ސުރުބާނާ އިންޓަނޭޝަނަލްގެ މާހިރުންގެ ލަފާގެ މަތިން ކަމަށެވެ. މި މަސައްކަތް ހިންގާއިރު ރާއްޖޭގައި އެމެރިކާ އާއި ޔޫކޭ އަދި އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑް އަދި ބަލްގޭރިއާ ފަދަ ގައުމުތަކުގެ މާހިރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތަކީ ވަރަށް ރަނގަޅަށް ޕްލޭން ކޮށްގެން ކުރާ މަސައްކަތް ތަކެއް. މި ޕްރޮޖެކްޓް ހިނގާއިރު ދުނިޔޭގެ އެންމެ ބޮޑު ކޮންސެލްޓެންސީ ފާމް ސިންގަޕޫރު ސުރުބާނާ އިންޓަނޭޝަނަލްގެ ބެލުމުގެ ދަށުން މި ކުރަނީ. މިހާރު ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގެ ކޮންސެލްޓެންސީ ދެނީ ވެސް މި މީހުން. އެހެންވީމަ ހުރިހާ ބޭފުޅުންނަށް ޔަގީންކަން ދޭނީ މި މަސައްކަތްތަކަށް ކޮލިޓީ އެޝުއަރެންސް އަޅުގަނޑުމެން ދެން. މި މަސައްކަތް ކުރިއަށްދަނީ އިންޓަނޭޝަނަލް ސްޓޭންޑަޑް ތަކަށް،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގެ މަސައްކަތުގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ އިންޓަނޭޝަނަލް އެއް ވެސް ސްޓޭންޑަޑެއް ޕާސް ކުރުމެއް ނެތި ކަމަށެވެ.

"އަޅުގަނޑުމެން ވެސް ބޭނުން މި ޕްރޮޖެކްޓް ވީހާވެސް އަވަހަށް ގެންދަން. އެހެންނަމަވެސް ކޮންޕްލެއި ކުރަން ޖެހޭ ކަންކަން ބަލާފަ މި ގެންދަނީ. ހުރިހާ ކަމަކަށް ހުއްދަ މިދެނީ ކޮންސަލްޓެންޓް. އެހެންނޫނީ އެއާޕޯޓުގައިއެއް ވެސް ލޭއަރެއް ވެސް އަޅާފައެއް ނުހުންނާނެ. ފުރަތަމަ މި އަޅަނީ ޓެސްޓިން ލޭޔަރު ތަކެއް،" އާދިލް ވިދާޅުވި އެވެ.

"އެއާލައިނެއް ފަށާނީ އަމިއްލަ އަށް ޓެސްޓް ހަދާފަ"

ވީއައިއޭ އާރަންވޭ ހުޅުވުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު އިއްތިހާދު އެއާވޭސްގެ ބޯޓެއް ރާއްޖޭގައި ޖައްސާނެ އެވެ. މިއީ ތާރީހުގައި ޖައްސާ އެންމެ ބޮޑު ބޯޓަށް ވާނެ އެވެ.

އެއާޕޯޓުގައި ހުންނަވާ އެމްޑީ އާދިލް ވިދާޅުވީ ދުނިޔޭގެ އެއްވެސް އެއާލައިނެއް އެއާޕޯޓަކަށް އޮޕަރޭޓް ކުރާނީ އަމިއްލަ އަށް އެސެސްމަންޓް ތަކެއް ހެދުމަށްފަހު ކަމަށެވެ.

"އެ [އެއާލައިންތަކުން] ބޭފުޅުން ބަލާނެ މިތަން ހުރީ އެސެސްމަންޓް ހެދިފައި ތޯ. ރެގިއުލޭޝަނަށް ފެތިފައި ތޯ؟ އެހެންވީމަ އަޅުގަނޑުމެން ދޭ ޔަގީން ކަމަކީ މި ރަންވޭ އަކީ އިކާއޯ [ދުނިޔޭގެ ވައިގެ ދަތުރުފަތުގެ ޖަމިއްޔާ] އާއި އެހެނިހެން މިންގަނޑަށް ވެސް ފެތޭ ރަންވޭ އެއް ކަން. ފްލައިޓް ޓެސްޓަށް ރެޑީވެފައި އޮތް ތަނެއް ކަން،" އާދިލް ވިދާޅުވި އެވެ.

ވީއައިއޭ ތަރައްގީ ކޮށްފައިވާ އާ ރަންވޭގެ މަސައްކަތް ކުރީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ކުންފުނިންނެވެ. މި ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުރެ އެވެ.