ހަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވޭނެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ

Sep 10, 2018
8

ސިނަމާލެ ބްރިޖުން މާލެއަށް އައުމަށްޓަކައި ހުޅުމާލެއިން އެއާޕޯޓަށް ދެވޭ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލައި އޭގައި ތިބި ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ. އެ ވޭން ފުރޮޅާލާފައި ވަނީ، ހުޅުމާލެއިން އެއާޕޯޓަށް ދެވޭ މަގުގައި ހުންނަ ޒުވާނުންގެ ޖަގަހަ ސަރަހައްދުން އެވެ.

ފުލުހުން ބުނީ، ދެ ވެހިކަލެއް ޖެހި ހުޅުމާލޭގައި އެކްސިޑެޓެއް ހިނގާފައިވާ ކަމަށާއި އެކަމާގުޅޭ އިތުރު މައުލޫމާތު މިވަގުތު ދެވެންނެތް ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހަކަށް މިރޭ 11:30 ގައި އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ. ހަމައެކަނި ހުރީ ގައިގެ ތަންތަން މަށައިގެން ގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން ބްރިޖާއި ދިމާލަށް ދުއްވާފައި ދަނިކޮށް ވޭނަކާއި ކާރެއް ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ވޭން ވަނީ ފުރޮޅާލައިފަ އެވެ. މަންޒަރުދުށް މީހުން ބުނީ ވޭން ފުރޮޅާލުމުގެ ސަބަބުން ވޭންގެ އެއް ފަރާތުގެ ބިއްލޫރިތައް ތެޅު މަގުމައްޗަށް ފައިބާފައިވާ ކަމަށެވެ. ވޭންގެ ތެރެއިން މީހުން ނެރުނީ އެ ސަރަހައްދުގައި ތިބި މީހުން ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

ބްރިޖް ހުޅުވުމާ އެކު ބްރިޖާއި ހުޅުލެ-ހުޅުމާލެ ގުޅޭ ހައިވޭގައި ވަނީ އެކްސިޑެންޓްތައް އިތުރުވެފަ އެވެ.