ހަބަރު

އެއާޕޯޓް ހިމެނޭ ބަޔަށް އަރާ ގެތައް ތަޅާލަން ފަށައިފި

ހދ. ކުޅުދުއްފުށީގައި އަޅާ އެއާޕޯޓަށް ނަގަންޖެހޭ ގެތައް ތަޅާލުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ. އެގޮތުން އިއްޔެ ވަނީ ނަގަންޖެހޭ 18 ގޭގެ ތެރެއިން ގެއެއް ތަޅާލާފަ އެވެ.

ދެ ބުރިއަށް ނަގާފައިވާ އެ ގެ ތަޅާލާފައިވަނީ ގެއިން ނުކުތުމަށް ފަސް ދުވަހުގެ މުއްދަތެއްދީ، އެ މުއްދަތު ހަމަވެފައިވާތީ އެވެ. އެހެން ބައެއް ގެތަކުން ވެސް މިހާރު މީހުން ވަނީ ނުކުމެފަ އެވެ. އަދި ގެތަކުގެ ދޮރުތަކާއި ފަރުނީޗަރުންތައް ވަނީ ނަގާފަ އެވެ.

އެނގިފައިވާ ގޮތުގައި 18 ގޭގެ ތެރެއިން 16 ގެއެއްގެ މީހުން ވަނީ ޝަރުތުތައް ގަބޫލުކޮށްފަ އެވެ. އެ 18 ގޭގެ ތެރެއިން މީހުން ދިރިއުޅެނީ ނުވަ ގެއެއްގަ އެވެ. އެމީހުންނަށް ކޯޓުން ދޭން އަންގާފައިވާ ބަދަލަކީ ގެއަށް ވަކި އަދަދެއްގެ ފައިސާ އާއި ގެވަޅު ކަނޑަން އާ ބިމަކާއި އަށް މަސް ދުވަހުގެ ކުއްޔެވެ.

އެއާޕޯޓަށް ނަގާ ގެއެއްގެ ވެރިޔަކު މިއަދު މައުލޫމާތު ދިން ގޮތުގައި ގެތަކުގައި މީހުން ނުކުމެފައިވަނީ ފަސް ދުވަސް ދިނުމުން އަމިއްލައަށް އުޅޭނެ ތަންތަން ހޯދައިގެންނެވެ. އެގޮތުން ތަންތަން ކުއްޔަށް ހިފައިގެން ވެސް މީހުން މިހާރު އުޅެމުންދެ އެވެ.

ކޯޓުން އަށް މަސް ދުވަހަށް 10،000 އަށްވުރެ ބޮޑު ނޫން ކުއްޔެއް ދޭން އެންގި ނަމަވެސް މިހާތަނަށް ސަރުކާރުން ދީފައިވަނީ ދެ މަސް ދުވަހުގެ ކުލި އެކަންޏެވެ. ގެވަޅުތައް ދޭނެ ބިންތައް ސާފުކޮށްފައިވީ ނަމަވެސް އަދި ގެވަޅުތައް ހަމަޖައްސައެއް ނުދެ އެވެ. އަދި ގެވަޅުތައް ދިނުމުގައި ގުރުއަތު ވެސް ލާފައެއް ނުވެ އެވެ.

ކުޅުދުއްފުށީ ޕޯޓް ކައިރިން މިހާރު ވަނީ ގެވަޅުތައް ކެނޑުމަށް ބިން ސާފުކޮށްފަ އެވެ.

އެއާޕޯޓަށް އަރާ 18 ގޭގެ ތެރެއިން ދެ ގެއެއްގެ މައްސަލަ އަދިވެސް އޮތީ ކޯޓުގަ އެވެ. އޭގެ ތެރެއިން އެއް ގެއިން ވަނީ ކޯޓުން ނަގައިދޭން ކަނޑައެޅި ބަދަލު އިސްތިއުނާފުކޮށްފަ އެވެ. އެއީ ގެއަށް އަގު ކޯޓުން އަގުކޮށްފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.

މައްސަލާގެ އިސްތިއުނާފު ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އެ މައްސަލާގެ ޝަރީއަތެއް ނުފަށަ އެވެ.