9 ސެޕްޓެމްބަރ 2018 އާ ގުޅޭ -- "އެއީ އަޅުގަނޑުގެ ބައްޕަ... ވިވިއަން ގާތު ކާކު ބުނީ؟" ވިވިއަންގެ ދުލުން ބޭރުވެގެން ނުވާނޭކަމެއް ކަމެއް ދުލުން ބޭރުވެއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުނީ ނިމްރާގެ އަޑު އިވިފައެވެ.
"ވިވިއަން" ވިވިއަން އަނގައިން ނުބުނެ އިންނަން ފެށުމުން ނިމްރާ ގޮވާލިއެވެ.
"ވިވިއަންއަށް އަޅުގަނޑުގެ ބައްޕަ އެނގޭތަ؟ ތީ ރަޙުމަތްތެރިންތަ؟" ނިމްރާގެ ހިތުގައިވި ސުވާލުތައް ވިވިއަންގެ ކުރިމަތީ ހާމަކުރިއެވެ.
"ހޫމް!... ރަޙުމަތްތެރީންނޭ ވެސް ބުނެވިދާނެ، އެކަމަކު ރަނގަޅު ރަޙުމަތްތެރީންނަކަށް އަހަރެމެން ދެ މީހުންކުރެ އެކަކަށް ވެސް ނުވެވުނު" ވިވިއަން މަޑުމަޑުން ބުނެލިއެވެ.
"އަޅުގަނޑުގެ ޢާއިލާ ދަންނަ މީހަކާ މި ދިމާވީ ފުރަތަމަ ފަހަރަށް، ޚާއްޞަކޮށް އަޅުގަނޑުގެ ބައްޕަ... އެހެންވީމަ ވިވިއަންއަށް އެނގޭ ދޯ އަޅުގަނޑުގެ މަންމަ ވެސް" ނިމްރާ ހިތް އަވަސްވާގޮތް ވިއެވެ. ނަމަވެސް ވިވިއަން ފެންނަނީ މާޔޫސްވެފައި އިންތަނެވެ.
"ނިމްރާގެ މަންމަ ހުންނަ ގޮތް ވެސް ނޭނގޭތަ؟ ނައުފަލްއަކީ ފޮޓޯގްރަފަރެއް، ކުރަހާ މީހެއް، އޭނާގެ އަތުގައި އޭނާގެ އަނބިމީހާގެ އެންމެ ފޮޓޯއެއް ވެސް ނެތީތަ؟" ވިވިއަން އިރުކޮޅަކު އިނދެފައި ވާހަކަދެއްކިއެވެ.
"ކޮންމެވެސް ސަބަބަކާ ހެދި ކާފައާއި މާމައަށް އަޅުގަނޑުގެ މަންމަ ކަމުނުދާކަން އެނގޭ، ކުޑަކުޑައިރު ހަނދާންހުރި މަންމަ، އޭރު ފޮޓޯ ވެސް ހުރި، އެކަމަކު ފޮޓޯއަލްބަމް އަންދާލީ ކާފަ، އެ ސޫރަ މަޑުމަޑުން ފުހެވެމުންގޮސް މިހާރު އަޅުގަނޑުގެ ސިކުނޑީގައި މަންމަގެ ސޫރައަކީ ކަޅުހިޔަންޏެއް ފަދަ، އެހެންވިޔަސް ހިތަށް އަރާ މަންމަގެ ދަރިއަކަށް އަޅުގަނޑުވާއިރު މަންމަގެ ކޮންމެވެސް ސިފައެއް އަޅުގަނޑަށް ލިބިފައިވާނެއޭ، މަންމަ ދޫކޮށްދިޔަ މަންމަގެ ހަނދާނަކީ ހަމައެކަނި އަޅުގަނޑު، އަޅުގަނޑުގެ މި ނަފްސު... ބައްޕައާއި މަންމައާ ނުލާ އަޅުގަނޑު ދުނިޔެއަށް އުފަންނުވީސް، ވިވިއަން ހުރިންތަ އަޅުގަނޑުގެ ބައްޕަ މަރުވިއިރު، އެނގޭތަ ކީއްވެކަން ބައްޕަ މަރުވީ" ނިމްރާގެ މަންމައާއި ބައްޕަގެ ހަޤީޤަތް އެނގެން އޭނާ ބޭނުންވެއެވެ.
"މާޒީ ނިއުޅަން ނޫޅޭ، ހުރިހާކަމަކަށް މިހާރުވަނީ ފަސްއަރައި ފޮރުވިފައި، އަހަރެން ނެތިން މާލެއަކު ނައުފަލް މަރުވިއިރު، ނިމްރާއަށް ވެސް މާ ރަނގަޅުވާނެ މަންމަ ހޯދަން ނޫޅުނިއްޔާ، ހުރިހާކަމެއް އެނގިގެން އެއްވެސް ކަމެއް ބަދަލެއްނުވާނެ، ނައުފަލް އެނބުރި ދުނިޔެއަކަށް ނާންނާނެ، އޭނާއަށް އޭނާގެ އަނބިމީހާއެއް ވެސް ނުލިބޭނެ" ވިވިއަންގެ ވާހަކަތަކުގައި ފޮރުވިފައިވަނީ ކީކޭކަމެއް ދެނެގަންނާކަށް ނިމްރާއަކަށް ނޭނގުނެވެ. ވިވިއަން ބުންޏަސް މަންމައާއި ބައްޕައާ ބެހޭގޮތުން އޮޅުން ފިލުވަން ކޮންމެ ދަރިއަކު ވެސް ބޭނުންވާނޭ ނިމްރާގެ ޟަމީރު ބުންޏެވެ. ކިތަންމެ ހިތި މާޒީއަކާއި ސިއްރުތަކެއް ފޮރުވިފައި އޮތަސް މަންމައަކީ ކާކުކަން އެނގެން ނިމްރާ ބޭނުމެވެ.
"އަހަރެން ކޮޓަރިއަށް މިދަނީ، ކުޑަކޮށް އަރާމުކޮށްލާފައި ނުކުންނާނަން، ރޭގަނޑު ހަތެއް ޖަހާއިރު އަހަރެން އާންމުކޮށް ކައިއުޅެނީ" ވިވިއަން ސޯފާއިން ތެދުވިއެވެ. ނިމްރާއަށް އިތުރަށް ވާހަކަދައްކާކަށް ފުރުޞަތެއް ނުލިބުނެވެ. އޭނާ ބޯޖަހާލުމުން ވިވިއަން ގޮސް އޭނާއަށް ޚާއްޞަކުރެވިފައި ހުރި ގެސްޓްރޫމަށް ވަދެއްޖެއެވެ.
ކޮޓަރިއަށް ވަދެގެން އައިސް އެނދުގައި ވިވިއަން އިށީނެވެ. އެނދުގައި ކަނާއަތް ވިއްދާލައިގެން އިންއިރު ވައަތްތިލައިން އަނގަމަތި ފޮރުވާލައިގެން ވިވިއަން އިނެވެ. މޫނުން ފާޅުވަނީ އިންތިހާއާށް ކަންބޮޑުވެފައިވާ ކަމެވެ. ފަސްއަޅައި ފޮރުވާލަން މަސައްކަތްކުރި ނަމަވެސް ވިވިއަންގެ އެ މާޒީއާ ގުޅިފައިވާ ހަނދާންތައް ތާޒާއެވެ. ޚާއްޞަކޮށް ނިމްރާއާ ބައްދަލުވުމުން އޭނާގެ އަމިއްލަ ނަފްސު ބަލިކަށިވާގޮތްވެއްޖެއެވެ. ހާޔާތުން ފާއިތުވި ކޮންމެ ދުވަހަކާއެކު ވިވިއަން އޭނާގެ މާޒީ ހަނދާންނައްތާލައި އައު ދިރިއުޅުމައިގެން ކުރިއަށްދާން މަސައްކަތްކުރިއެވެ. ކެނެޑާގެ މަޝްހޫރު މިލިއަނަރު ނޯލެންގެ ރީތި އަނބިމީހާއަށްވާއިރު އޭނާގެ ހުރި ހަމައެކަނި ދަރިއަކީ ވެސް ނޯލެންއަށް ލިބުނު ޒިވަންއެވެ. ރާއްޖެއާ އެއްވެސް ގުޅުމެއް ބާއްވަން ވިވިއަން ބޭނުންނުވީ ހައަހަރު ފަހުން އޭނާގެ ދިރިއުޅުމުގައި ހިނގައިދިޔަ ކަންތައްތަކުންނެވެ. އޭރުއްސުރެ އޭނާ ބަދަލުވާން މަސައްކަތްކުރިއެވެ. ގިނަ މީހުންނަށް އޭނާ ސިފަކުރެވޭނީ ބޮޑާ މީހެއްގެ ގޮތުގައެވެ. އަމިއްލަ ރީތިކަން އަމިއްލައަށް ފެނިފައި ހުންނަ އަންހެނެއްގެ ގޮތުގައެވެ. ފައިސާ ޚަރަދުކުރުމުގައި އެއްވެސް ޚިޔާލެއް ފިކުރެއް ނެތް މީހަކު ފަދައިންނެވެ. އެ ހުރިހާ ބަދަލުތަކަކީ ހިތުގެ ކަނެއްގައި އެޅި ލޯވަޅު ބެއްދުމަށް ޓަކައި ވިވިއަން ކުރަމުންއަންނަ ކަންކަމެވެ. އަންހެނަކަށްވެ ހުރެ އޭނާ ހައަހަރު ފަހުން ނޯލެންގެ ގާތަށް އެނބުރި އައީ ހަށިގަނޑުން ބައެއް ވަކިކޮށް އެއްލާލައިފައެވެ.
"އަހަރެން އޭނާ ދޫކޮށްލީ ނައުފަލްގެ އަތްމައްޗަށް، އޭނާއަށް ރައްކާތެރިވާނޭ ބައެއްގެ ތެރެއަށް، ނައުފަލް... ނައުފަލްވީ ހަޤީޤީ ލޯތްބެއްނޫން، ދަރިފުޅުދެކެ ވެސް ނައުފަލްއަށް ލޯތްބެއްނުވެވުނު، އެހެންނޫނީ އެވަރުގެ ބޮޑުކަމެއް ނުކުރީސް، ދަރިފުޅާ މެދު ނައުފަލް ނުވިސްނީ ކީއްވެ؟ އަހަރެން އެއްފަހަރު ވެސް ނުބުނަން ނައުފަލް އަމިއްލައަށް މަރުވާށޭ، ތީ ފިނޑިންކުރާ ކަހަލަ ކަމެއް، އަހަންނަށް ކުރި ކަންތަކުން މަޢާފަށް އެދުމުގެ ބަދަލުގައި ކުރަން އެނގުނުކަމަކީ އެއީތަ؟... ހުރިހާކަމެއް ކޮށްފައި އޭގެ މައްޗަށް އެއަށްވުރެ ބޮޑު ފާފައެއް ތިކުރީ، އާން! އަހަރެން މަޢާފެއްނުކުރާނަން، އަހަންނަށް ވެސް މަޢާފު ހައްޤެއްނުވޭ، އަހަންނަކީ ވެސް އަމިއްލަ އެދުން ބޮޑު މީހެއް، އަހަރެމެން ދެ މީހުން ވެސް ވިސްނީ އަހަރެމެންގެ އަމިއްލަ ހިތްހަމަޖެހުމާ އުފާތަކާމެދު، ބޮލުގައި އެޅިފައި އޮތް ޒިންމާއާ މެދު ކުޑަކޮށް ވެސް ވިސްނާނުލެވުނު" ވިވިއަންއަށް އޭނާގެ މޭގައި އަތްއަޅާލެވުނެވެ.
* * * * *
ހަވީރު ސައިބޯކަށް ވިވިއަން ނުނިކުމެއެވެ. އޭނާ އަރާމުކޮށްލަން ބުނުމުން ނިމްރާއަށް ވެސް ގޮވަން ނުކެރުނީއެވެ. ވިވިއަންއަކީ ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ މީހެއްހެން ނިމްރާއަށް ހީވާތީ އޭނާ ރޭގަނޑަށް ތައްޔާރުކުރީ ސިއްޙަތަށް ފައިދާކުރާނޭ ބާވަތްތަކެވެ. ޒިވަންއަށް ގުޅާފައި އޭނާ ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ނިމްރާ ދަޢުވަތު ދިނެވެ. ވަގުތުން ޒިވަން އެއްބަސްވިއެވެ.
"ތި އައީ ދޯ... ވިވިއަން އަދި ނުނިކުމޭ" އެޕާޓްމެންޓުގެ ދޮރުހުޅުވި އިރު ދޮރުމަތީ ޒިވަން ހުރުމުން ނިމްރާ ބުނެލިއެވެ.
"ކާންބުނީމަ އަވަހަށް އަންނާނެއެއްނު" ހިނިއައިސްފައި ހުރެ ޒިވަން ބުންޏެވެ. އެޕާޓްމެންޓުގެ ދޮރު ލައްޕާލާފައި ނިމްރާއާއެކު ޒިވަން ވެސް އައީ ބަދިގެ ފަރާތަށެވެ.
"ރެޑީފަ ހުރީ، މޭޒުމައްޗަށް ނަގަން މިއުޅެނީ" ނިމްރާ ބުންޏެވެ.
"މަންމަ އައީމަ ނިމްއަށް ވަރަށް ބުރަވެއްޖެ ދޯ" ބްރެކްފަސްޓް އައިލެންޑް ދޮށުގައި ޒިވަން އިނެވެ.
"ޒިވަން، އަހަރެން ވަރަށް ހައިރާންވެފައި މިހުންނަނީ، ޒިވަންގެ މަންމައަށް އަހަރެންގެ ބައްޕަ އެނގޭކަން އިނގޭތަ؟، ވިވިއަން ވަރަށް ޔަންގްއިރުގައި ދޯ މެރީ ކުރީ، ޒިވަން ބައްޕަ ހާދަ ލަކީއޭ" ނިމްރާ މޭޒުމައްޗަށް ތަށިތައް ނަގަމުން ވާހަކަދެއްކިއެވެ.
"ޑޭޑްބުނި މަންމައާ ދިމާވިއިރު އެއީ ކުޑަކުއްޖެކޭ، ޑޭޑްގެ ރިސޯޓުގައި އުޅުނުކަމަށްބުނީ، އެތަނުން އެ ދެ މީހުން ބައްދަލުވީ، މަންމަ އެކޮޅުގައި ބޭނުންކުރާނަން އެއީ ވިވިއަން، އަސްލު މަންމައަށް ކިޔަނީ އެހެނެއްނޫނޭ" ޒިވަން އިނދެފައި ބުނެލިއެވެ.
"ރޮމޭންޓިކް ލަވްސްޓޯރީއެއް ދޯ، އަހަރެން ވެސް ހިތަށް އެރިއޭ ވިވިއަންއެއް ނުކިޔާނޭ" ނިމްރާ ހީނލާފައި ބުނެލިއެވެ.
"މަންމައަށް ގޮވަންވީނު" މޭޒުމަތި ތައްޔާރުވުމުން ޒިވަން ބުނެލިއެވެ.
"އިރުކޮޅަކު މަޑުކޮށްލަމާ، ވިވިއަން ހަތެއް ޖަހާއިރު ކާވާހަކަބުނީމަ އަހަންނަށް ހީވަނީ އޭނާ ނުކުންނާނޭހެން ގަޑިއަށް" ނިމްރާ ބުނެލިއެވެ.
"އެހެންވީރު މަންމަ ނުކުންނަންދެން ހިނގާ ބޭރަށް، މިރޭ ހަނދު ދުށިންތަ؟ ވަރަށް ސަޅި... ފުލްމޫން" ޒިވަން ބުނެލިއެވެ. އަދި ނިމްރާ ގޮވައިގެން ޓެރެސްއަށް ނުކުތެވެ.
"މަންމަ ދެއްކި ރަންދޯދިގެ އެނގޭ ވާހަކަ، ނުބުނޭ ކިހިނެއްކަމެއް، އެ ފެމެލީގައި ހުރި އަންހެންކުއްޖާ ކޮބާތޯ ވެސް ސުވާލުކުރި، މަންމައަށް ނިމް ހުންނަ ގޮތް ނޭނގުނަސް ނިމްގެ ވާހަކަ ބުނަން އެނގުނީމަ އަހަރެން ވެސް ހައިރާންވި، މަންމަ ރާއްޖޭގައި އުޅުނު ގޮތުގެ ވާހަކަ އެއްގޮތަކަށް ވެސް ނުދައްކާނެ، އެހެންވެ މަންމަގެ ރައްޓެހިންނެއް ވެސް ނޭނގެ، އަހަރެން މިކޮޅުގައި ހުންނާކަށް ވެސް އަސްލު މަންމަ ޤަބޫލެއްނޫން، ކީއްވެކަމެއް ނޭނގެ... ރާއްޖެދެކެ މަންމަ ފޫހިވަނީއޭ ވެސް ހީވޭ، ނޫނީ މިކޮޅުގައި ހުންނަން ބޭނުންނުވާ ސަބަބެއް އޮތީއޭ ވެސް ހީވޭ" ބިއްލޫރި ރެއިލިންގައި އަތްއަޅުވާލައިގެން ހުރެ ޒިވަން ވާހަކަދެއްކިއެވެ.
ކޮޓަރިން ނުކުތް ވިވިއަންއަށް ކާމޭޒުމަތި ތައްޔާރުކޮށްފައި ހުއްޓާފެނުނެވެ. އަދި ބަޔަކު ވާހަކަދައްކާ އަޑު އިވޭތީ އެ ދިމާއަށް އޭނާއައެވެ. ނިމްރާއާއި ޒިވަން ހީނސަމާސާ ކުރާތީ ފެނުނެވެ. އިރުކޮޅަކު ބަލަން ހުރެފައި ޒިވަންއަށް ވިވިއަން ގޮވާލިއެވެ.
"މަމް... ނިމް، ހިނގާ އަވަހަށް ކާން، މަމް ވެސް އެ އައީނު" ނިމްރާގެ ކޮނޑަށް އަތްވައްޓާލާ ގާތަށް ދަމާލަމުން ޒިވަން ބުނެލިއެވެ.
ފަޅުވެފައި އޮންނަ އެޕާޓްމެންޓަށް ވިވިއަންއާއި ޒިވަންގެ ސަބަބުން ދިރުން ލިބިފައިވިއެވެ. އެހެންޏާ ކާގަޑިތަކަކީ ނިމްރާ އެކަނި ހޭދަކުރާ ވަގުތުތަކެވެ. ގިނަފަހަރަށް އެކަމާހުރެ ކެވޭނީ ޓީވީ ބަލަން އިނދެއެވެ. އަދިވެސް އެކަނި އުޅެން އޭނާ އާދަ ނުވާ ކަހަލައެވެ. ނިމްރާ ކުރާ މަސައްކަތާ ބެހޭ ގޮތުން ވިވިއަން އޮޅުންފިލުވިއެވެ. ރަނގަޅު ވަޒީފާއެއްގައި ނިމްރާ ހުރުމުން އެގޮތުގައި ދެމިހުރުމަށް ވިވިއަން ހިތްވަރުދިނެވެ.
ރޭގަނޑުގެ ކެއުމަށްފަހު ވިވިއަން ގަސްދުކުރީ ބޭރަށް ނުކުމެލާށެވެ. އޭނާއަށް އެހީތެރިވުމަށް ޑޭވިޑް ހުރިއިރު ޒިވަން އޮތީ އޭނާގެ މަންމައަށް ކާރު ތައްޔާރުކޮށްދީފައެވެ. ވިވިއަން ބޭރަށް ނުކުތީ ނިމްރާ ވެސް ގޮވައިގެންނެވެ. މާލޭގެ އެކި ފިހާރަތަކަށް ވިވިއަން ވަނެވެ. ޚާއްޞަކޮށް ޓުއަރިސްޓުންނަށް އެއްޗެހި ވިއްކާ ފިހާރަތަކުން ވިވިއަން ވިޔަފާރިކުރިއެވެ. ނިމްރާއަށް ތަފާތު ހަދިޔާ ގަނެދިނެވެ. ނިމްރާއަށް ހެދުމާއި ފައިވާނާއި ބޫޓުގެ އިތުރުން ސެންޓާއި އަތްދަބަސް ވެސް ގަނެދީފައި ހުއްޓެވެ. ގެއަށް އައީ އެގާރަށް ޖަހަން އުޅެނިކޮށެވެ. އޭރު އަރްސަލް ގުޅަން ވެސް ގުޅައިފިއެވެ. ނިދަން ވަދެފައި ގުޅާނަން ކަމުގައި ބުނެ އަރްސަލްއަށް ނިމްރާ މެސެޖު ކުރިއެވެ. އެޕާޓްމެންޓާ ހަމައަށް ހުރިހާ ކޮތަޅުތަކެއް ޑޭވިޑް ގެނެސްދިނެވެ. އިތުރު ކަމެއް ބޭނުންވޭތޯ ވިވިއަންގެ ގާތުގައި އޭނާ އެހިއެވެ. ވިވިއަން ނޫނެކޭ ބުނުމުން ޑޭވިޑް ދަނީކަމުގައި ބުނެ އެޕާޓްމެންޓުން ނުކުތީއެވެ. އޭނާ ހުންނަނީ ޒިވަންގެ ގާތުގައެވެ.
"ވިވިއަން... ދެޓްސް ޓޫ މަޗް" ތަޅުންމަތީގައި ހުރި ކޮތަޅުތަކަށް ބަލާލާފައި ނިމްރާ ބުނެލިއެވެ.
"ދެން ނޭނގެ ދިމާވާނެކަމެއް، ނިމްރާއަށް ޓަކައި މީ އަދި ވަރަށް ކުޑަ މިންވަރެއް، އަހަރެން އެ ހުރިހާ އެއްޗެއް ގަނެދިނީ ގަނެދޭ ހިތުން، ހިތަށް އަރާ ނިމްރާ ކައިވެނިކުރާ ދުވަހު ހުރެވޭނެނަމައޭ" ވިވިއަން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.
"ވިވިއަން މަޑުކުރަންވީނު، އަޅުގަނޑުގެ ކައިވެނީގައި ބައިވެރިވެފައި އެނބުރިދާނީ، ޒިވަންއާއި އަރްސަލް ވެސް ރުހޭނެ" ނިމްރާ ނިކަން އަވަހަށް ބުނެލިއެވެ.
"އައި ޑޯންޓް ޑިޒާވް އިޓް، މާދަމާ ރޭ އަހަރެން ފުރާނަން، އެއީ އެންމެ ރަނގަޅުވާނޭގޮތް" ވިވިއަން ބުނި އެއްޗަކުން ނިމްރާއަށް ހައިރާންކަން ލިބުނެވެ.
"ވިވިއަންއާއި އަޅުގަނޑުގެ ބައްޕައާ އޮތީ މައްސަލަޖެހިފަތަ؟ އަޅުގަނޑުގެ ސަބަބުން ވިވިއަން ހަނދާންކުރަން ބޭނުންނުވާ ހަނދާންތަކެއް އާވަނީ ދޯ... ބައްޕައަކީ ކޮންކަހަލަ މީހެއްކަން ވިވިއަންއަށް އެނގޭނަމަ ކިޔައިދީބަލަ، ވިވިއަންއަށް އަޅުގަނޑުގެ ބައްޕަ އެނގެންޏާ އަޅުގަނޑުގެ މަންމަ ވެސް ހުންނާނީ ފެނިފައި، އެއީ ކޮންކަހަލަ ބައެއްކަން ބުނެދީފާނަންތަ؟ ވިވިއަން ބުނިހެން ދެން ދިމާވާނީ ކޮންދުވަހަކުން ކަމެއް ނޭނގެ، އަޅުގަނޑުގެ ބައްޕައާ ބެހޭގޮތުން މީހަކު ވާހަކަދެއްކި ފުރަތަމަ ފަހަރުމީ، ވިވިއަން... އަޅުގަނޑުގެ ބައްޕައަކީ ކޮންކަހަލަ މީހެއްތަ؟ ވިވިއަންނާ ދިމާވިއިރު ބައްޕަ މެރީޑްތަ؟ މަންމަ ދުށިންތަ؟" ނިމްރާ ޝައުގުވެރިވެފައިވާވަރު އިތުރަށް މީހަކު ވިވިއަންއަށް ބުނެދާކަށް ނުޖެހެއެވެ. އެ ހުރިހާ އަސަރެއް ނިމްރާގެ މޫނުން ފާޅުވޭވޭ ހުއްޓެވެ.
"ނައުފަލްއަކީ މަޑުމަޑުން ހުންނަ މީހެއް، އެކަމަކު އެހެން ހުރެފައި ވަރަށް ލާނެތްކަންތައްތައް ކުރާނެ، އޭނާ ކުރެހުމާއި ފޮޓޯނެގުމުގައި ވަގުތު ހޭދަކުރާނެ، އަހަރެމެން ދިމާވީ ނޯލެންގެ ރިސޯޓުގައި އޮތް އިވެންޓަކުން، ނައުފަލް މެރީ ކުރީ ހަމަކުއްލިއަކަށް، އޭނާ އެ އަންހެންކުއްޖާދެކެ ކިތަންމެ ލޯބިވިޔަސް އެ އަންހެންކުއްޖާ އޭނާދެކެ ލޯތްބެއްނުވޭ، އެއްއަހަރު ވަންދެން އެ ދެމީހުން އެކުގައި އުޅުނީ، ވަގުތު އެ އަންހެންކުއްޖާގެ ހިތް އޭނާގެ މައްޗަށް ލަންބުވާނޭކަމުގައި ނައުފަލް ޤަބޫލުކުރީ، ލޯތްބަކީ ހާސިލުކުރުމާއި މިލްކުރުމެއްނޫން، ދަރިފުޅު ވިހާފައި ނައުފަލް ގާތުން ވަރިވެގެންދިޔައީ ނައުފަލްގެ ދަރިފުޅު އޭނާއާ ހަވާލުކޮށްފައި، އެކުއްޖާއާ އެއްވެސް ގުޅުމެއް ބާއްވަން އެ އަންހެންމީހާ ބޭނުންނުވީ، އެއީ އޭނާއަށް ވެސް ކުރެވުނު ކުށެއްކަން ޔަގީން، ދަރިފުޅު ދުށުމަށް އޭނާ ވެސް ބޭނުންވާނެ، މަޔަކާއި ދަރިއަކު ވަތްކެއްނުވާނެ... އެ އަންހެންކުއްޖާއަކީ ގޯސް އަންހެންކުއްޖެއްނޫން، އެކަމަކު އެހެން އެވީ އެވަގުތު ހާލަތު ނިޔާކުރި ގޮތުން.... ނިމްރާ، އިތުރަށް މަންމައާ ގުޅިގެން ސުވާލުނުކުރޭ، ބައްޕައަކީ ކޮންކަހަލަ މީހެއްތޯ ވެސް ނާހާ" ވިވިއަން އިރުކޮޅަކަށް ހިމޭންކަން ޚިޔާރުކުރުމަށްފަހު ފަހު ޖުމްލަ އިއްވާލިއެވެ. އަދި ތެދުވެގެން ތަޅުންމަތީ ހުރި ކޮތަޅުތަކުން އޭނާގެ ބައި ނަގައިގެން ކޮޓަރިއަށް ދިޔައެވެ.
"ވިވިއަން ހިތްހަމަނުޖެހޭ ފަދަ ކަމެއް ބައްޕަ ކުރީތަ؟ ނޫނީ މަންމައާއި ވިވިއަންއަކީ ކްލޯޒް ފްރެންޑްސްތަ؟ ފެމެލީތަ؟ އެހެންވެއްޖެއްޔާ އަހަންނާއި ވިވިއަން ތިމާގެވާނެތާ... ލޯތްބަކީ ހާސިލުރުމާއި މިލްކުކުރުމެއްނޫނޭ ވިވިއަން އެބުނީ ކޮންމާނައެއްގައިބައި، މަންމަ ލޯބިނުވާއިރު ކީއްވެ ބައްޕައާ މެރީ ކުރަންވީ؟ މަންމަ ބޭނުންނުވެ ލިބުނު ދަރިއެއް އަހަންނަކީ، އެހެންވެ އަހަރެން ދޫކޮށްލާފައި ދިޔައީ، އެކަމުގައި އަހަރެންގެ ކުށަކީކޮބާ؟ ބޭނުންވިޔަސް ނުވިޔަސް އަހަންނަކީ މަންމައާއި ބައްޕަގެ ދަރިއެއް... ބައްޕައާއެކު އުޅެން ބޭނުންނުވާ މީހަކާ ކީއްވެ ކައިވެނިކުރަންވީ؟" ސޯފާގައި އެތައް އިރަކު ވިސްނަން ނިމްރާއަށް އިނދެވުނެވެ.
އެނދުގައި އޮވެއޮވެފައި ވިވިއަން ތެދުވިއެވެ. އޭނާއަށް ނިދޭގޮތް ނުވީއެވެ. އަހަރުތަކެއްފަހުން ހިތުގައި ވަޅުޖެހިފައި ހުރި އިޙްސާސްތަކެއް ތިލަވީއެވެ. ނިމްރާގެ ސުވާލުތަކަށް ޖަވާބުދޭން ޖެހުމުން މާޒީގެ އެ ހަނދާންތައް އިއްޔެވީ ކަމެއްހެން ކުލަވެ ސިފަވެގެންދިޔައެވެ. ވިވިއަން ނިދާ ހެދުން މަތިން ތުނި ރޯބް ގަޔަށް މަހާލައި ކޮޓަރިން ނުކުތެވެ. ދަންވަރުގެ ހިމޭންކަން މުޅި އެޕާޓްމެންޓަށް ވެރިވެފައި އޮތެވެ. ވެރިވެފައި އޮތް ފަނޑު އަލިކަމުގައި ވިވިއަން އައިސް ނިމްރާގެ ކޮޓަރި ކައިރީ މަޑުކޮށްލިއެވެ. ޓަކިޖަހަން އަތް ހިއްލާލަފައި ވެސް ބޯހޫރުވާލިއެވެ. ނިމްރާ އޮންނާނީ ނިދާފައިކަން ޔަގީންވާތީއެވެ. އިރުކޮޅަކު ހުރެފައި ނިމްރާގެ ކޮޓަރީގެ ދޮރު މަޑުމަޑުން ކަހާލިއެވެ. އެތެރެއަށް ވަނީ ސިއްރުންނެވެ. ބޮޑުއެނދުގައި ނިމްރާ ނިދާފައި އޮތްތަން ފެނުނެވެ. ސިއްރު ފިޔަވަޅުތަކެއްގައި އައިސް އެނދުގެ އަރިމަތީ ހުއްޓިލީ ނިމްރާ ފެންނާނޭ ހެނެވެ. ނިމްރާގެ ގައިމަތީ އޮތް ރަޖާގަނޑު ވިވިއަން ރީތިކޮށްލަ ދިނުމަށްފަހު ނިތްކުރިމަތިން އިސްތަށިތައް އެއްފަރާތްކޮށްލިއެވެ. އަދި ލޯތްބާއެކު ބަލަން ހުރެފައި ގުދުވެލައި ނިމްރާގެ ނިތްކުރީގައި މަޑުމަޑުން ބޮސްދިނެވެ. އޭނާގެ އެ ހަރަކާތައްފަހު ނިކަން އަވަހަށް އެ ކޮޓަރިން ނުކުމެއްޖެއެވެ. ފަނޑުއަލިކަމުގެ ތެރޭގައި ވެސް ވިވިއަންގެ ކޯތާފަތުގައި ވިދަމުންދިޔަ ކަރުނައިގެ ރޮނގު ސިއްރެއްނުވިއެވެ.
"މަންމައަށްވެ ހުރެ މީ މަންމައޭ ބުނާނެހާ ހިތްވަރެއްނެތް، މަންމައަށްވާންވީ ދުވަސް ފާއިތުވެ ހިނގައއްޖެ، މިއަދު ނިމްރާ މަންމައަކަށް ބޭނުމެއްނުވޭ، އަހަރެން ނައުފަލްއަށް ކިތަންމެ ނަފުރަތެއްކުރިޔަސް ތި ދަރިފުޅުގެ އެއްވެސް ކުށެއްނެތް، ނައުފަލްގެ ދަރިއަކަށްވީތީ ނުބަލަން އެއްލާލިއިރު ތި ދަރިފުޅުގެ ގައިގާ އަހަރެންގެ ލޭ ވެސް ހިނގާކަން އޭރު ހަނދާންނެތުނީ، ނިމްރާ... މަންމައަށް ދުވަހަކުވެސް މަޢާފުކުރާނަންތަ؟ ނައުފަލް... މިހެންމިވީ ނައުފަލްގެ ސަބަބުން، އަހަރެން އެ ދަރިފުޅު ބޭނުންނުވީ ނައުފަލްގެ ސަބަބުން، ޒިވަންއަކީ ނިމްރާގެ ބޭބެއޭ އަހަރެން ބުނާނީ ކިހިނެއް؟ އަހަރެންގެ ކިބައިން ނައުފަލް ނާޖާއިޒް ފައިދާއެއް ނެގީކަން އެ ދަރިފުޅަށް އެނގުމުން ވާނީ ކިހިނެއް؟... އަހަރެން އަބަދުވެސް ލޯބިވީ ޒިވަންގެ ބައްޕަދެކެ، އަހަރެން ނިމްރާ ނުގެންދިޔައީ ހަމަ ނައުފަލްއަށް ޓަކައި، މުސްކުޅި މައިންބަފައިންނަށް ވާނޭ ގޮތާމެދު ވެސް ނައުފަލް ވިސްނާނުލި... މިއަދު އެ ދަރިފުޅުގެ އެކަކު ވެސް ނެތް، މަންމައަކު ހުއްޓެއްކަމަކު އެ މަންމަ އެ ދަރިފުޅު ދޫކޮށްލި ހިސާބބުން މަރުވެއްޖެ... ކީއްވެތަ މިހެންމިވީ" ޕެޓިއޯގައި ހުރި އުނދޯލި ގޮނޑީގައި އިން ވިވިއަން މޫނުގައި ދެއަތްއަޅައި ފޮރުވާލިއެވެ. (ނުނިމޭ)