ހަބަރު

އީވާ ބްރިޖަށް އެރުންވީ އެއް ބަޔަކަށް ސިޔާސީ ކަމަކަށް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ސައިކަލެއްގައި ދަރިފުޅު ގޮވައިގެން ބްރިޖްގައި ހުޅުމާލެއަށް ދަތުރުކުރުން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ސިޔާސީކޮށްލައި ބޮޑު ކަމަކަށް ހަދާލައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި އީވާ ވަނީ ބްރިޖް ހުރަސްކޮށް ސައިކަލްގައި ހުޅުމާލެއަށް ވަޑައިގެންފަ އެވެ. އެ ފޮޓޯ ޓްވީޓް ކުރައްވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވާފައިވާ ބިޔަ ތަރައްގީތަކުގެ ފައިދާ ހުރިހާ ދިވެހި ރައްޔިތުން ހޯދަމުންދާ ކަމަށެވެ.

"އީވާ، ބްރިޖު ދަތުރުގެ ތަޖުރިބާ ހިއްސާކޮށް ދެއްވާ،" ނިހާން ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ، "ނިކަން ބައްލަވާ އުފާވެރިކަން" ކަމަށެވެ. އަދި، ވިދާޅުވީ އެއީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަންޖެހޭ ސަބަބެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް މިއަދު ވަނީ ހަޖޫ ޖައްސަވަމުން އެމްޑީޕީގެ ބޭފުޅުން ވެސް ބްރިޖު ބޭނުން ކުރާތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އީވާ ބްރިޖަށް އަރައިވަޑައިގަތުން ބޮޑުކޮށްގެން އުޅޭތީ ބައެއް މީހުން ގެންދަނީ ފާޑު ވެސް ކިޔަމުންނެވެ. ބްރިޖަކީ ވަކި ބައެއްގެ އެއްޗެއް ނޫން ކަމާއި މުޅި ދިވެހި ރައްޔިތުންގެ ފައިސާއިން ހަދާފައިވާ ބްރިޖެއް ކަމަށް ދަނީ ބުނަމުންނެވެ.

އެކަމަށް ފާޑުކިޔަމުން މީހަކު ބުނީ ރައީސް ޔާމީނާއި ސަރުކާރުގެ ބޭފުޅުންގެ ވާހަކަތަކުން އެ ބްރިޖަކީ އެ ބޭފުޅުންގެ ތަރިކަ މުދަލެއް ނޫނީ އެ ބޭފުޅުންގެ ޖީބުން ހަރަދުކޮށްގެން އަޅާފައިވާ ބްރިޖެއް ކަމަށް ސިފަވާ ކަމަށެވެ. ނަމަވެސް އެއީ ރައީސް ޔާމީނުގެ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ބްރިޖެއް ކަމަށް އޭނާ ބުންޏެވެ.

ޓްވިޓާގައި އެހެން މީހަކު ބުނެފައިވާ ގޮތުގައި ބްރިޖަށް އެންމެ ގިނަ ފައިސާއެއް ދައްކާނީ އެމްޑީޕީގެ މެންބަރުން ކަމަށްވާއިރު އެ ބްރިޖު އެމްޑީޕީ މީހުން ބޭނުން ނުކުރަންވީ ސަބަބެއް ނެތެވެ.

މިފަހުން އެމްޑީޕީއިން ބޭއްވި ބޮޑު ޖަލްސާއަށް އެ ޕާޓީގެ މެންބަރުން ދާނީ ބްރިޖު ހުރަސްކޮށްފައިތޯ ނިހާން ސުވާލުކުރެއްވުމުން ވެސް އެކަން ހޫނުވި އެވެ. އެކަމަށް ގިނަ ބަޔަކު ރައްދު ދިންއިރު ބައެއް މީހުން ބްރިޖުން ޖަލްސާއަށް ދިޔަކަން އަންގައި ސެލްފީތައް ވެސް ސޯޝަލް މީޑިއާއަށްލި އެވެ. މިއަދު ހެނދުނު ވެސް "އިބޫ ފައިސަލް" ކެމްޕެއިން ޓީޝާޓެއް ލައިގެން ބްރިޖު މަތީގައި ދުވަން ގޮސް ޒުވާނަކު ޓްވިޓާގައި ފޮޓޯތައް އާންމުކޮށްފައިވެ އެވެ.