ހަބަރު

ނިހާން، ސުއޫދަށް ދިން ރައްދާއެކު ފާޑުކިޔުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއާ ގުޅޭ ގޮތުން ކުރީގެ ހުސްނުއްސުއޫދު ކުރެއްވި ޓްވީޓަކާ ގުޅިގެން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ދެއްވި ރައްދަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރަންވޭ ހުޅުވަނީ ބައިނަލްއަގްވާމީ ގަވައިދުތަކާ ހިލާފަށް ކަމަށް ސުއޫދު ވިދާޅުވާތީ ނިހާން ރައްދު ދެއްވަމުން ވިދާޅުވީ، "ކޮންމެވެސް މީހަކު މީނާ މެންޓަލް ހޮސްޕިޓަލަށް ގޯސް ނުވަނީހުން ގެންގޮސްބަލަ، އަހަރެންނަށް ވަރަށް ބެލެވޭ އޭނާ ވަނީ ވަރަށް ބޮޑު މެންޓަލް ކޮންޑިޝަނެއްގެ ތެރޭގަކަން، އާސަންދައިން ނުވެއްޖެނަމަ އެންސްޕާއަށް ގޮސްގެން ފަރުވާ ލިބޭނެ،" ކަމަށެވެ.

މިކަން ގިނަ ބަޔަކު ސިފަކުރަމުން ދަނީ ނަފްސާނީ ބަލިތަކާއި ސިކުނޑީގެ މައްސަލަތައް ހުންނަ މީހުންނަށް އިހްތިރާމް ކުޑަވާ ގޮތަށް ދައްކަވާފައިވާ ވާހަކަތަކެއްގެ ގޮތުގަ އެވެ.

ނިހާން މި ވާހަކަ ދައްކަވާފައިވާއިރު ރޭ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ މެންޑަލް ހެލްތް ސެންޓަރެއް ގާއިމް ކުރައްވައި އެފަދަ ބަލިތަކަށް އާސަންދައިން ފަރުވާ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިބޫގެ ސިއްހީ ސިޔާސަތު ހާމަ ކުރައްވަމުން ވިދާޅުވީ، ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭން ޖެހޭ މީހުން މަދެއް ނޫން ކަމަށާއި އެފަރާތްތަކަށް މެންޓަލް ހެލްތް ސެންޓަރުތައް ގާއިމްކުރެވި، އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި މެންޓަލް ހެލްތް ސެންޓަރުތަކުގެ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރެވި، ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކަށް އާސަންދަގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސާދޭނަން،" އިބޫ ވިދާޅުވި އެވެ.