ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ؛ "އިދިކޮޅު މީހަކު ނުހުންނާނެ، އަޅުގަނޑަށް އެންމެންނާ ވެސް ވާހަކަ ދެއްކޭނެ،"
މިކަން އޭނާ މިވަނީ ދ. މީދޫއަށް ވަޑައިގެން އަނެއްކާވެސް ސާބިތުކޮށްދެއްވާފަ އެވެ. ކެމްޕެއިން ކުރެއްވުމުގައި ތަފާތު އުކުޅުތަކެއް ގެންގުޅުއްވާ ޝަހީމް ވަނީ އެ ރަށުގެ އެމްޑީޕީ ހަރުގެއަށް ވަދެވަޑައިގެން އެ ތަނުގައި މަޑު ކުރައްވާފަ އެވެ. އަދި އެތަނުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއެކު ވާހަކަ ދެއްކެވުމަށް ވަގުތުތަކެއް ހޭދަ ކުރައްވާފަ އެވެ.
އެ ފޮޓޯތައް ވެސް އާންމުވެފައިވާއިރު ރީނދޫ ކުލައިގެ އެ ޖަގަހަ ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ޕޯސްޓަރުތަކުން ފުރާލާފަ އެވެ.
މީގެކުރިން ވެސް ޝަހީމް ބައެއް ރަށްރަށުގެ އެމްޑީޕީ ހަރުގެއަށް ވަޑައިގެންފައިވެ އެވެ. މި މަންޒަރު އެހެން ކެންޑިޑޭޓެއްގެ ފަރާތުން ނުފެނެ އެވެ. އަބަދުވެސް ފެންނަނީ ޕާޓީގެ މެންބަރުންނާއެކު ތިއްބަވާ މަންޒަރެވެ. ޝަހީމް މީގެކުރިން އެމްޑީޕީގެ އެކްޓިވިސްޓް ނައީމާތައާ ވެސް ހަރުގެއެއްގެ ތެރެއިން ބައްދަލު ކުރައްވާފައިވެ އެވެ. .