ހަބަރު

ކުޑަފަރީ ސަރުކާރު މުވައްޒަފުން އިބޫއަށް ތާއީދުކޮށްފި

ނ. ކުޑަފަރީގެ ސަރުކާރުގެ މުވައްޒަފުންތަކެއް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ފާޅުގައި ތާއިދުކުރާކަން މިއަދު ހާމަކޮށްފި އެވެ.

އިބޫ މިއަދު އެ ރަށަށް ވަޑައިގަތުމާއެކު ކުޑަފަރީގެ ގިނަ ސަރުކާރު މުވައްޒަފުންތަކެއް ވަނީ އިބޫއަށް މަރުހަބާ ދަންނަވައި ޖަލްސާގައި ވެސް ބައިވެރިވެފަ އެވެ. އެމީހުން ބެނާއެއް ހިފައިގެން ބުނެފައިވަނީ "އިންސާފުގެ މަގަށް ސިވިލް ސާވެންޓުން ނުކުމެ" ކަމަށެވެ.

އިބޫ ވަނީ އެ މުވައްޒަފުންނަށް މިއަދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ.

"މި ރަށުގެ ސިވިލް ސާވެންޓުގެ ބޮޑު ބައެއް ނުކުމެ އެ ތިބީ އިސްލާހަށް މިކުރާ މަސައްކަތުގައި ފަހަތަށް ނުޖެހި ކުރިއަށް ވަޑައިގެން މި މަސައްކަތުގައި އުޅުއްވަން، ވަރަށް ޝުކުރިއްޔާ އެ ބޭފުޅުންނަށް، މިއީ ކުޑަފަރީގެ ހިތްވަރު، ކުޑަފަރީގެ ނަމޫނާ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅާ ދެކޮޅަށް އެންމެ ބޮޑަށް ސަރުކާރުން ކުރަމުންދާ ކެމްޕެއިނަކީ ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދެއްކުމުގެ ކެމްޕެއިނެވެ. އެ ބިރަށް ނޫނޭކޭ ބުނެ ކުރިއަށް ނުކުތުމަކީ އުފަލެއް ކަމަށެވެ. ބައިވެރިވާ ސިޔާސީ ހަރަކާތަކާ ގުޅިގެން ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށާއި އެއީ ކުށެއް ކަމަށެވެ.

"ވަޒީފާއިން ވަކި ކުރި ބަޔަކު އިންސާފުގެ ކުރި މައްޗަށް ގެންނާނަން، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަަށް ވަޒީފާ އަނބުރާ ހޯދައިދޭނަން،" އިބޫ ވައުދުވެވަޑައިގަތެވެ.

ކުޑަފަރީގެ ސަރުކާރުގެ މުވައްޒަފުންނެކޭ އެއްގޮތަށް އެހެން މުވައްޒަފުން ވެސް ބިރު ފަހަނަ އަޅާ ނުކުތުމަށް އިބޫ ގޮވާލެއްވި އެވެ. އަދި ވޯޓުލާ ދުވަހު އެންމެން ވެސް ވޯޓުލުމަށް ގޮވާލެއްވި އެވެ.