ހަބަރު

އެންމެ މަތީ ފަރުވާއާ އެކު ޓްރީޓޮޕް އިން ޑައިލީސިސްގެ ހިދުމަތް ފަށައިފި

ދުނިޔޭގައި މިހާތަނަށް ދޭ ޑައިލިސިސްގެ އެންމެ ކާމިޔާބު ފަރުވާ، ހައި-ވޮލިއަމް ހީމޯޑަޔަފިލްޓްރޭޝަން (އެޗްޑީއެފް) ގެ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފި އެވެ.

ޓްރީޓޮޕްގެ ޑައިލީސިސް ޔުނިޓްތައް މިއަދު ހުޅުވާލާފައިވަނީ ހައި-ވޮލިއަމް ހީމޯޑަޔަފިލްޓްރޭޝަން (އެޗްޑީއެފް) ގެ ހިދުމަތާއެކުގަ އެވެ. ހީމޯޑަޔަފިލްޓްރޭޝަން އަކީ ޑައިލީސިސް ހަދަން އަންނަ ޕޭޝަންޓުގެ ލޭ، މެޝިނުން ސާފުކޮށްދޭއިރު ބޭނުންކުރާ ފެނުގެ ސާފުކަމުގެ މިންވަރު ޑަބަލް ރިވާސް އޮސްމޯސިސް ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ސާފުކުރެވިގެން ދެވޭ ފަރުވާ އެކެވެ. މި ފަރުވާ އަކީ ގިނަ ދުވަހު ޑައިލީސިސް ހަދަންޖެހޭ މީހުންގެ ހާލު ދަށްވިޔަ ނުދީ ގިނަ ދުވަހު ދުޅަހެޔޮކޮށް މީހާ ބެހެއްޓުމަށް އެހީވެދޭ ފަރުވާއެއް ވެސްމެ އެވެ.

ޓްރީޓޮޕް އިން މިއަދު އަލަށް ފެށި މި ހިދުމަތާ ބެހޭގޮތުން އެ ހޮސްޕިޓަލްގެ ނެފްރޮލޮޖިސްޓް ޑރ ނެސްތްރޯ ވެލަސްކޯ ވިދާޅުވީ، ހީމޯޑަޔަފިލްޓްރޭޝަން ތެރަޕީ ނަގާ ބަލިމީހުންގެ ސިއްހަތު އެނޫން ޑައިލީސިސް ޕޭޝަންޓުންގެ ސިއްހަތާ އަޅާބަލާއިރު 30 ޕަސެންޓް ދުޅަހެޔޮކަމަށް ސައިންސް ދިރާސާތަކުންނާއި އަމިއްލަ ތަޖުރިބާއިންވެސް ޔަގީންކުރެވިފައިވާ ކަމަށެވެ. ހަމަ އެއާއެކު މި ބާވަތުގެ ޑައިލީސިސް ހަދާ ބަލިމީހުންނަށް ކާތަކެތި ކެއުމުގައި ވެސް އެނޫން ބަލިމީހުންނަށްވުރެ ބޮޑަށް ލުއި ލިބިގެންދާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

"ރަނގަޅު ކެއުމެއް ގެންގުޅެވިދާނެއޭ މި ދަންނަވާ ގޮތަކީ، މި ޓްރީޓްމަންޓް ނަގާ ބަލިމީހުންގެ މެއިން ދިލަ ނަގާ މިންވަރު ވަރަށް ބޮޑަށް ކުޑަކޮށްދޭނެ،" ޑޮކްޓަ ވެލަސްކޯ ވިދާޅުވި އެވެ.

މި ފަރުވާ އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ޓްރީޓޮޕް ހޮސްޕިޓަލްގައި ވަނީ ފެން ސާފުކޮށްދޭ އެންމެ ޒަމާނީ ޕްލާންޓެއް ގާއިމްކޮށްފަ އެވެ. މި ޕްލާންޓުން ލޭ ސާފުކުރަން ބޭނުންކުރާ ފެން އެތައް ގުނައެއް ސާފުކޮށްދިނުމަށްފަހު ބަލިމީހާއާ ހަމައަށް ފޯރުކޮށްދެ އެވެ.

ޑރ ވެލަސްކޯ ވިދާޅުވި ގޮތުގައި، އެޗްޑީއެފް ޓްރީޓްމަންޓްގައި ޑައިލީސިސް ހަދާއިރު ބޭނުންކުރާ ފެނުގެ މިންވަރު އެހާ ބޮޑަށް މަތިކުރެވިފައިވުމުން ޕޭޝަންޓަށް އެހެން ބަލިތައް ޖެހުމުން ވަރަށް ބޮޑަށް ދުރުކޮށްދެއެވެ. އަދި ލޭގެ ޕްރެޝާ ދަށް މިނެއްގައި ހިފަހަށްޓައިދިނުމަށް ވެސް ވަރަށް ބޮޑު އެހީއެއް މި ފަރުވާގެ ސަބަބުން ލިބިގެންދެ އެވެ.

ހީމޯޑަޔަފިލްޓްރޭޝަންގެ ހިދުމަތް ޓްރީޓޮޕް އިން ފަށާފައިވާއިރު، ބަލިމީހުންނަށް ހިދުމަތްދިނުމަށް ވަރަށް ޒަމާނީ ނުވަ ޑައިލީސިސް ރޫމް ނުވަތަ ސްޓޭޝަން އެ ހޮސްޕިޓަލުގައި ވަނީ ގާއިމްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކޮޓަރި ހާއްސަކޮށްފައިވަނީ ޑައިލީސިސް ހަދަން އަންނަ ބޮޑެތި ބަލި ހުންނަ މީހުން ނުވަތަ ކަރަންޓީންކުރަންޖެހޭ ބަލިމީހުންނަށެވެ.

"މިދޭ ފަރުވާ ބޮޑަށް ހާއްސަ ވަނީ ބަލި މީހުންނަށް ދޭ އަޅައިލުންތެރިކަން ވެސް ވަރަށް މަތީ ލެވެލަކަށް މި ހޮސްޕިޓަލުގައި ތަފާތުވާނެ. އެގޮތުން ޑައިލީސިސް ހަދަން އަންނަ ބަލިމީހާއަށް އެހީތެރިވުމަށް ވެސް ހާއްސަ ސްޓާފުން ވަނީ ތަމްރީންކޮށްފައި، އެ ސްޓާފުން ވަކި ވަކި ބަލިމީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އެހީތެރިވެދޭނެ،" އެ ހޮސްޕިޓަލްގެ ނެޕްރޮލޮޖިސްޓް ޑރ ނޫރިއާ ރޮމާނޯ ވިދާޅުވި އެވެ.

ބޮޑު ޖާގައަކާއެކު ބަލިމީހާއާއި އެހީތެރިޔާއަށް ފަސޭހަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޓްރީޓޮޕްގެ ޑައިލީސިސް ސްޓޭޝަންތަކުގައި ޑައިލީސިސް ހަދަން އޮންނަ ބަލިމީހާގެ މުނިފޫހި ފިލުވައިދިނުމަށް ޓީވީއަކާއި ހެޑްސެޓެއްވެސް ބަހައްޓާފައިވެ އެވެ. އަދި ޑައިލީސިސް ހަދަން އަންނަ ޕޭޝަންޓުންގެ ސިއްހަތު މޮނިޓާކުރާ ހާއްސަ މެޝިނެއްވެސް ބަހައްޓާފައިވެ އެވެ.

މި ހިދުމަތްތަކާއެކު ހަފްތާއަކު 60 މީހުންނަށް ފަރުވާގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަލްޓްރާ-މޮޑާން ހޮސްޕިޓަލެވެ. މީގެ ކުރިން ބައެއް ހިދުމަތްތަކަށް އާސަންދަ ނެގި ނަމަވެސް، އެ ހޮސްޕިޓަލަކީ މިހާރު ހުރިހާ ހިދުމަތަކަށް އާސަންދަ ދޭ ހޮސްޕިޓަލެކެވެ.