ދުނިޔެ

ނަވާޒް ޝަރީފްގެ އަނބިކަނބަލުން އަވަހާރަވެއްޖެ

Sep 12, 2018

ލަންޑަން (ސެޕްޓެމްބަރު 11) - ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ އަނބިކަނބަލުން ކުލްސުމް ނަވާޒް އަވަހާރަވެއްޖެ އެވެ.

ލަންޑަނުގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 68 އަހަރުގައި ކުލްސުމް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ކުލްސޫމް ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ފެއްޓެވީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ފިރިކަލުން މަގާމުން ދުރުކުރުމާ ގުޅިގެން ކުލްސުމް ވަނީ ބައި-އިލެކްޝަންގައި ލާހޯރުގެ އެސެމްބްލީގެ ގޮނޑިއަށް ކުރިމަތިލައްވައިފަ އެވެ. ނަމަވެސް ކެމްޕޭނުގެ ކުރިން ފަރުވާ އަށް ލަންޑަނަށް ވަޑައިގެންނެވުމުން، އެކަމަނާގެ ކެމްޕޭން ކުރިއަށް ގެންދެވީ ދަރިކަނބަލުން މަރިޔަމް އެވެ. އެ އަހަރު ސެޕްޓެމްބަރު މަހު ކުރިމަތިލެއްވި ގޮނޑިއަށް ކުލްސުމް ހޮވިވަޑައިގެންނެވި ނަމަވެސް، ސިއްހީ ހާލަތު ހުރި ގޮތުން، ހުވާ ކުރައްވަން ޕާކިސްތާނަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

ކުލްސުލް އަވަހާރަވިއިރު، ފިރިކަލުން ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ތިއްބެވީ ޖަލުގަ އެވެ.

ހިޔާނާތުގެ ކުށް ސާބިތުވެ ނަވާޒް ޝަރީފު 10 އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކުރީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅެވެ.

ލިބޭ އާމްދާނީ އާއި ނުބައްދަލު އަދަދަކަށް އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރު ފްލެޓް ބައްލަވައިގެންނެވި މައްސަލާގައި، އެތަކެއް މަސްތަކަކަށް ދިގުދެމިގެންދިޔަ ޝަރީއަތަކަށްފަހު ނަވާޒް ޝަރީފާއި ދެކޮޅަށް ހުކުމްކުރީ، ނެޝަނަލް އެކްއުންޓަބިލިޓީ ބިޔުރޯ (އެންއޭބީ) ގެ ކޯޓަކުންނެވެ.

ލަންޑަނުގައި ހުންނަވިކޮށް ނަވާޒް ޝަރީފަށް ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ. އަދި މި މައްސަލާގައި އޭނާގެ އަންހެން ދަރިފުޅާއި، ދަނބިދަރިފުޅަށް ވެސް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ލާހޯރު އެއާޕޯޓަށް ވަޑައިގެންނެވުމާއެކު ނަވާޒް ޝަރީފުގެ އިތުރުން އެ މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފްލެޓްތައް ބައްލަވައިގެން މައްސަލަ ފެންމަތިވެފައިވަނީ 2015 ވަނަ އަހަރު ލީކުވި ޕެނަމާ ޕޭޕާސް ތެރޭގަ އެވެ. ޕާކިސްތާނުގެ ސުޕްރީމު ކޯޓުން ނަވާޒް ޝަރީފް މަގާމުން ދުރުކުރީ ވެސް މި މައްސަލާގަ އެވެ.

ކުލްސުމް ނަވާޒް ޝަރީފްއާ ކައިވެނި ބައްލަވައިގެންނެވީ 1971 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ވަނީ ހަތަރު ބޭފުޅުން ލިބިވަޑައިގެންފަ އެވެ. އެއީ ހަސަން، ހުސައިން، މަރިޔަމް އަދި އަސްމާ އެވެ.