ވިޔަފާރި

ދައުލަތަށް ލިބުނު އާމްދަނީ ލަފާ ކުރިވަރަށްވުރެ އިތުރުވެއްޖެ

Sep 12, 2018
2

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ 16 ޕަސެންޓް ވެއްޖެ އެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 38.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ 16 ޕަސެންޓް އިތުރު ވުމެކެވެ. އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނީ ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓް އިތުރުވުމާއި ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ލީޒް މުއްދަތު އިތުރުކުރުމުގެ ފީގެ މިންވަރު އިތުރުވުމެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 529 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ބީޕީޓީގެ ގޮތުގައި 121 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ލީސް މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 76 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.