ހަބަރު

ގާނޫނީ ވަކީލް ހުސައިން ޝަމީމް ސްޕްރީމްކޯޓަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމްގައި ހިމެނޭ، ގާނޫނީ ވަކީލް ހުސައިން ޝަމީމް ސްޕްރީމްކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ކޯޓަށް ހާޒިރުވާން އަންގާ ޝަމީމަށް ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ ސްޕްރީމް ކޯޓުގެ ބޭނުމަކަށް 13 ސެޕްޓެމްބަރު 2018 ވާ ބުރާސްފަތި، ދުވަހުގެ ހެނދުނު 11:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަަލް އެޑްމިނިސްޓްރޭޝަން އަށް ހާޒިރުވާން އަންގާ ކަމަށެވެ.

ވަކީލް ޝަމީމް ސުޕުރީމްކޯޓަށް ހާޒިރު ކުރާ ވަކި ސަބަބެއް އަދި އެނގިފައިނުވާއިރު، "އަވަސް" އިން ޝަމީމް އަށް ގުޅާލުމުން ވިދާޅުވީ އެ ޗިޓާ ގުޅިގެން އެއްޗެއް ދަންނަވަން ބޭނުންފުޅުނުވާ ކަމަށާއި، އެ ޗިޓާ ގުޅިގެން ހުންނަވާނީ "ހަނު" ކަމަށެވެ. ޝަމީމް އަކީ ޝަރުއީ ދާއިރާ އިސްލާހުކުރަންޖެހޭ ކަމަށްބުނެ ފާޅުގައި އެ ދާއިރާއަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނަވަނިކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ޝަމީމް ޑީޖޭއޭ އިން ސަސްޕެންޑްވެސް ކުރިއެވެ. އެހެން ނަމަވެސް މިއަހަރުގެ ޖެނުއަރީ 17ވަނަ ދުވަހު އެ ސަސްޕެންޝަން އުވާލި އެވެ.

ދެވަނަ ފަހަރަށް ޝަމީމް ސަސްޕެންޑް ކޮށްފައިވަނީ ފުލުހުން ތަހުގީގުކުރަމުން ގެންދިޔަ، މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ފަހަރުު ކުރި ސަސްޕެންޝަން އުވާލާފައިވަނީ ޖުލައި މަހުގެ 12ގަ އެވެ. ޝަމީމަށް ސްޕްރީމްކޯޓުން ޗިޓު ފޮނުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ވަކީލުން ވަނީ އަނެއްކާވެސް ސްޕްރީމްކޯޓުން ވަކީލުން ހާޒިރުކުރަން ފަށައިފިކަމަށްބުނެ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.