ސާފް ސުޒުކީ ކަޕް

އިއްބެ ދެއްކީ ތަފާތު، އޮހެނީ ތައުރީފް

ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި، އިއްޔެ އަކީ ރާއްޖެއަށް ތާރީހީ ދުވަހެކެވެ. ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރު ކުރީ އެވެ. އެ މުބާރާތުގައި އެންމެ ގިނައިން ފައިނަލު ކުޅުނު ޓީމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރާއްޖެއަށް ފައިނަލުގެ ދޮރު ހުޅުވައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ، ޓީސީގެ އިބްރާހިމް ވަހީދު ހަސަން، 'ފެލައިނީ އިއްބެ' އެވެ.

ދެ ވަނަ ހާފުގެ ބޮޑުބައެއްގައި ރާއްޖެއިން ޑިފެންސް ކުރުމަށް ފަހު، ގެނައި ބަދަލުތަކުން، ގޭމް ހުޅުވާލުމުން އޭގެ ފައިދާ ރާއްޖެއަށް ހޯދައިދިނީ އިއްބެ އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ދައުރު ހިމެނިގެން ދިޔަ ދެ ލަނޑުގައިވެސް އިއްބެގެ ތޫނުފިލިކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހިތާ، ދެ މިނެޓް ތެރޭ އޭނާ ވަނީ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ތިން ވަނަ ލަނޑެވެ.

މެޗުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އޭނާ އަށް މިވަނީ ވަރަށް ބޮޑަށް ތައުރީފު އޮހެންފަށައިފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ފައިނަލަށް ރާއްޖެއަށް ދެވުނީ މުޅި ޓީމު ކުރި މަސައްކަތުން ކަމަށެވެ. އަދި އެ މަސައްކަތުގައި އޭނާއަށްވެސް ބައިވެރިވެވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"އަލްހަމްދު ﷲ މެޗުން މޮޅުވުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ، ފައިނަލުގައި އަހަރެމެން ވަރަށް މަސައްކަތް ކުރާނަން، އިންޝާ ﷲ." ސާފް ސުޒުކީ ކަޕުގެ މީޑިއާއަށް ދިން އިންޓަވިއުގައި ހދ. ނޮޅިވަރަމްފަރަށް އުފަން އިއްބެ ބުންޏެވެ.

ޓީސީގެ ކުޅުންތެރިން ގައުމީ ޓީމުގައި ދައްކާ ކުޅުމާއެކު، އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމުއަށް އަބަދުވެސް ތައުރީފު އޮހެވެ. ނަމަވެސް ނިޒާމު ބުނީ އޭގެ އެއްވެސް ކްރެޑިޓެއް އޭނާއަށް ހައްގު ނުވާ ކަމަށެވެ. މިއީ، މީގެ މާ ކުރިން ނިޒާމް ބުނި ވާހަކައެކެވެ.

""ޓީސީގެ ސަބަބުން ގައުމީ ޓީމަށްވެސް ފައިދާ ވާނެ." 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ޓީސީ ވާދަ ކުރަން ނިކުތުމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ނިޒާމް ބުނެފައި ވެއެވެ.

"ހަގީގަތުގައި އޭގެ އެއްވެސް ކްރެޑިޓެއް އަޅުގަނޑަށް ހައްގެއް ނޫން،" ނިޒާމް ބުންޏެވެ. "އެއްގޮތަކަށްވެސް ކްލޭމް ކުރާކަށް ބޭނުމެއް ނޫން އާ ކުޅުންތެރިން އުފައްދައި ގައުމީ ޓީމަށް ނެރެދިނީމޭ ބުނާކަށް، އަޅުގަނޑުގެ މަސައްކަތަށް ވުރެ އެއީ އެ ކުޅުންތެރިން ކުރި ބުރަ މަސައްކަތް."

އިއްބެ ދެއްކި ކުޅުމާއެކު ގައުމީ ޓީމުގެ ކޯޗް، ޕީޓާ ޝެގަޓް ބުނީ، އިއްބެ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު އޮތް ކުލުންތެރިޔެއް ކަމަށާއި ގައުމީ ޓީމުގައި އޭނާގެ ދައުރު ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ބޮޑު ވާނެ ކަމަށެވެ.
"މިއަދު [އިއްޔަ] ގެ މެޗަކީ އިއްބެ އަށް ވަރަށް ހާއްސަ މެޗެއް، އޭނާ އަކީ ގައުމީ ޓީމުގެ އާ ޖީލުގެ ވަރަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ، މޮޅު ކުޅުންތެރިޔެއްގެ އިތުރުން އޭނާ އަކީ ވަރަށް ރަނގަޅު ޕާސަނަލްޓީއެއްވެސްމެ." ޝެގަޓް ބުންޏެވެ.