ހަބަރު

ގާނޫނީ ވަކީލް ޝަމީމް އަނެއްކާވެސް ސަސްޕެންޑްކޮށްފި

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލް ހުސަައިން ޝަމީމް ތިން ވަނަ ފަހަރަށް ޑީޖޭއޭއިން ސަަސްޕެންޑްކޮށްފިއެވެ.

ޝަމީމްގެ ޓުވިޓާ އެކައުންޓުން ޖުޑިޝަރީއާ ގުޅޭގޮތުން ކޮށްފައިވާ ޓުވީޓްތަކަކާއި ގުޅިގެން މިއަދު ހެނދުނު ސުޕުރީމް ކޯޓަށް ހާޒިރު ކުރުމަށްފަހު، ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި ވަކާލާތު ކުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ތިނއ މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ.

ޑީޖޭއޭއިން ބުނީ ޝަމީމްގެ އެ އަމަލަކީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނާއި ބެހޭ ގަވައިދުގެ 3.2 ގެ (ހ) އާއި ހިލާފު އަމަލަކަށްވާތީ އެ ގަވައިދުގެ 6 ވަނަ މާއްދާގެ (ނ)ގެ ދަށުން 13 ސެޕްޓެމްބަރު 2018 އިން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރާ ކަމަށެވެ.

ޝަމީމް އަކީ ޝަރުއީ ދާއިރާ އިސްލާހުކުރަންޖެހޭ ކަމަށްބުނެ ފާޅުގައި އެ ދާއިރާއަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނަވަނިކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ޝަމީމް ޑީޖޭއޭ އިން ފުރަތަމަ ފަހަރަށް ސަސްޕެންޑް ކުރިއެވެ. އެހެން ނަމަވެސް މިއަހަރުގެ ޖެނުއަރީ 17ވަނަ ދުވަހު އެ ސަސްޕެންޝަން އުވާލި އެވެ.

ދެވަނަ ފަހަރަށް ޝަމީމް ސަސްޕެންޑް ކޮށްފައިވަނީ ފުލުހުން ތަހުގީގުކުރަމުން ގެންދިޔަ، މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ފަހަރުު ކުރި ސަސްޕެންޝަން އުވާލާފައިވަނީ ޖުލައި މަހުގެ 12ގަ އެވެ.