އަދާލަތު ޕާޓީ އުފެއްދި މަގުސަދާއި ރޫހާ ހިލާފަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އެ ޕާޓީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންގެ ފާޑުވިދާޅުވުންތަކަށް އަދާލަތު ޕާޓީއިން މިރޭ ރައްދު ދީފި އެވެ.
އަދާލަތު ޕާޓީގެ އިސް މަގާމްތައް ފުރުއްވި، އަދި މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ ޝޭހް މުހައްމަދު ދީދީ ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އަދާލާތު ޕާޓީ އުފެއްދީ އެމްޑީޕީ އުފައްދާތީ އެއާ އިދިކޮޅަށް ކަމަށެވެ.
ދީދީ ވިދާޅުވީ އަދާލަތު ޕާޓީ މިއަދު ނަމެއްގައި އޮތަސް އެ ޕާޓީ ވަނީ ރޫޅިފައި ކަމަށެވެ. އެއީ އެ ޕާޓީގެ މުއައްސިސުންނާއި އުފެއްދި މީހުން މިހާރު އަދާލަތު ޕާޓީއާ އެކުގައި ނެތް ކަމަށާއި ގިނަ މީހުން ތިބީ ޕީޕީއެމްގައި ކަމަށް ދީދީ ވިދާޅުވި އެވެ.
އެ ވާހަކަތައް ރައްދު ދެއްވަމުން މިރޭ އދ. މާމިގިނލީގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އަދާލަތު ޕާޓީ މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ އެ ޕާޓީ އުފެއްދި މަގުސަދާއި ރޫހާ އެއްގޮތަށް ކަމަށެވެ.
"މި ޕާޓީއިން އަމިއްލައަށް ވަކިވެގެން ދިޔަ މީހުންގެ މަގުސަދާއި ރޫހު ބަދަލުވުމަކީ އަދާލަތު ޕާޓީގެ ވިސްނުން ބަދަލުވުމެއް ނޫން،" އަލީ ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ، އަދާލަތު ޕާޓީގެ އެންމެ މުހިންމު އަދި މައިގަނޑު މަގުސަދަކީ އަދުލު އިންސާފު ކަމަށެވެ. އަދާލަތު ޕާޓީއިން އިދިކޮޅު އެހެން ޕާޓީތަކާ ގުޅިގެން މިހާރު ވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމަށް ކަމަށެވެ.
އަދާލަތު ޕާޓީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އަދުލު އިންސާފުގެ މައްޗަށް ބުނާވެފައިިވާ އަމާން އަހްލާގީ ނިޒާމެއް ކުރިއަރުވައި ދަމަހައްޓަން އެ ޕާޓީން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހިޔާނާތާއި އަމިއްލަ، ނާއިޒު ފައިދާ ހޯދުމަކީ އެ ޕާޓީއިން ދެކޮޅު ހަދައި ޕާޓީ ރޫހާ ހިލާފު ކަމެއް ކަމަށެވެ. އެކަންކަމާ ދެކޮޅަށް މިހާރު ވެސް ޕާޓީއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ޕާޓީ އުފައްދަން ބައިވެރިވި ނަމަވެސް މިހާރު އުޅޭ ފިކުރުގެ ގޮތުން އަދާލަތު ޕާޓީގެ މަގުސަދާއި ރޫހު ހަނދާން ނެތުނީ ކަމަށް ވެދާނެ،" ފާޑުވިދާޅުވާ ބޭފުޅުންނަށް އަލީ ޒާހިރު ރައްދު ދެއްވި އެވެ.