ހަބަރު

މީދޫ ރައްޔިތުންނަށް ނާންގާ އެ ރަށުން ގޯތި ދޫކުރަން އުޅުނު މައްސަލަ ހޫނުވެއްޖެ

ދ، މީދޫގެ ކައުންސިލާއި ރައްޔިތުންނަށް އެނގުމެއްނެތި އެ ރަށުން ވަކި ބަޔަކަށް ހައުސިން މިނިސްޓްރީން ގޯތި ދޫކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މީދު ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފު "އަވަސް" އަށް ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ހަތަރު އޮފިޝަލަކު މީދޫ އަށް އައިސް އެ ރަށުގެ ޕީޕީއެމްއަށް ނިސްބަތްވާ ބަޔަކާއި މީދޫ ސުކޫލުގައި އިއްޔެ ބައްދަލުވުމެއް ބާއްވައި ގޯތި ދިނުމާއި ބެހޭ ގޮތުން މަޝްވަރާކޮށް ހަދާފައިވާ ކަމަށެވެ.

ރަށުގެ ރައްޔިތުންނާއި ގުޅިފައިވާ އެ ފަދަ ބޮޑު ކަމެއްގައި ރަށު ކައުންސިލް އިދާރާއަށް އެއްވެސް އެންގުމެއްނެތި އަދި ރަށުގެ ގިނަ ރައްޔިތުންނަށްވެސް އެންގުމަކާއި ނުލާ ވަކި ބަޔަކު އެއްކޮށްގެން މިފަދަ ކަމެއް ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވި ގޮތުގައި، އެ ގޯތިތަށް ދޫކުރުމާއި ބެހޭ މުއާމަލާތްތައް އެ ރަށު ސުކޫލް މެދުވެރިކޮށް ހިންގުމަށް ހައުސިން މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. އެފަދަކަންކަން ސުކޫލަކުން ކުރާނަމަ ގާނޫނުން ބާރުތަކެއް ދީފައިވާ ކައުންސިލް އިދާރާތަކުގެ ބޭނުމާ ދޭތެރޭވެސް ސުވާލު އުފެދޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުން ކުރިޔަށް ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ރައްޔިތުންނަށް އެންގުމަކާ ނުލާ އެފަދަ ކަމެއް ކުރާތީ އެކަމުގެ ޝަކުވާ އެ ރަށުގެ ބަޔަކު އެތަނުގެ ތެރެއަށް ވަދެ ކުރެ އެވެ. އަދި ބައްދަލުވުން ބޭއްވި ކޮޓަރީގެ ތެރެއަށް އިތުރު ބަޔަކަށް ނުވަދެވޭ ގޮތަށް ދޮރު ތަޅުލާފައި ހުރުމުން އަޑުގަދަ ކުރި މީހުން ވަނީ ޝަކުވާ ކޮށްފަ އެވެ.

އެ ބައްދަލުވުން ކުރިޔަށް ދިޔަ ވަގުތު ނަގާފައިވާ ވޯޑިއޯއެއް

އެ ވީޑިއޯ ދައުރުވެ މައްސަލަ ހޫނުވުމާ އެކު، ހައުސިން މިނިސްޓްރީ އިން ރޭ ވަނީ އެ ރަށުން ގޯތި ދޫކުރަން ގެޒެޓްގައި އާންމުކޮށް އިއުލާނެއް ކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުގައި، ދ. މީދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 200 އެއްހާ ގޯއްޗެވެ. ގޯއްޗަށް އެދި ހުށަހަޅަން ޖެހޭ ފޯމް މިމަހުގެ 13 އިން ފެށިގެން ދ. މީދޫ ސްކޫލް އިންނާއި، ހައިސިން މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އިޔާސް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއާއި ގުޅިގެން އޭޭނާ ސަސްޕެންޑްކޮށްފައި ހުރި، ނަމަވެސް ސަސްޕެންޑް ނުކުރާ ކައުންސިލަރަކުވެސް އެ އިދާރާގައި އެބަހުންނެވިކަމަށާއި އިދާރީ މުވައްޒަފުން ވެސް ތިބި ކަމަށެވެ. އަދި މިކަމެއް ހިނގައިދިޔައީ އެ ކައުންސިލަރުންނަށް އަދި ކައުންސިލް އިދާރާއަށްވެސް ނޭގި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން، ހައުސިން މިނިސްޓްރީގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.