ޕީޕީއެމްގެ ޖަގަހަ އަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރު 18 މީހުންގެ ތެރެއިން 17 މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި އެކަކުގެ ބަންދަށް 12 ދުވަސް ކޯޓުން މިރޭ ޖަހައިފި އެވެ.
ޕީޕީއެމްގެ ޖަގަހަ އާއި ކެމްޕެއިން މުދަލަށް ގެއްލުންދިން ކަމަށް ބުނެ އެ 18 މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާ އެވެ.
ކޮލަމާފުށިން ހައްޔަރު ކުރި 18 މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. މިއަދު ކޯޓަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން އެމީހުންގެ ބަންދަށް ޖެހި 15 ދުވަސް ހަމަވެގެންނެވެ. އެމީހުން މިއަދު ހަވީރު 4:30 ގައި އެއަތޮޅު ވިލިނގިލި ކޯޓަށް ހާޒިރުކޮށް ފެށި ބަންދުގެ މުއްދަތުގެ މަޖިލިސް ނިންމާލާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
އިއްޔެ ވަނީ އެ 18 މީހުންގެ ދިފާއުގައި ވިލިނގިއްޔަށް 18 ވަކީލަކު ވަޑައިގެންފަ އެވެ. ވަކީލުންގެ ޓީމުގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލް އަހުމަދު އަބްދުﷲ އާއި ވަކީލް މޫސާ ސިރާޖާއި މަހުފޫޒު ސައީދާއި ސަފާ ޝަރީފާއި ނާޒިމް އަބްދުލްސައްތާރާއި މުހައްމަދު ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ.
ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވާއިރު އެގޮތަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުންނެވެ. އެ ގާނޫނުގައިވާ ގޮތުން އެއް ތުހުމަތެއް ކުރެވޭ ދެ މީހަކަށް ތަހުގީގު މަރުހަލާގައި އެއް ވަކީލެއް އައްޔަނެއް ނުކުރެވޭނެ އެވެ.