ދުނިޔެ

ޗައިނާއިން އެތެރެކުރާ މުދަލުން ޓެކްސް ބޮޑު ކުރަން ޓްރަމްޕް އަންގަވައިފި

Sep 15, 2018

ވޮޝިންގްޓަން (ސެޕްޓެމްބަރު 13) - އެމެރިކާ އަށް ޗައިނާއިން އެތެރެކުރާ 200 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑު ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

ޓެކްސް ބޮޑުކުރާ މުދަލުގެ ލިސްޓެއް އަދި އެކުލަވާލާފައިނުވި ނަމަވެސް، ގާތްގަނޑަކަށް 200 ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލުން 25 ޕަސަންޓާއި ހަމައަށް ޑިޔުޓީ ނަގާނެކަމަށް ބެލެވެ އެވެ.

ޖުލައި 6 ވަނަ ދުވަހު އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.

އެންމެ ފަހުން 10 ޕަސަންޓު ޓެކްސްގެ އިތުރުކޮށް އާންމުކޮށްފައިވާ 6،000 ވުރެ ގިނަ އައިޓަމް ހިމެނޭ ލިސްޓުގައި މެވާ، ތަރުކާރީ، އަތްދަބަސް، ފްރިޖު، ވިއްސާރަ ކޯޓު ހިމެނެ އެވެ.

ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.

މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުންވާނީ ޗައިނާ އަށެވެ. ސަބަބަކީ، އެމެރިކާއަށް ޗައިނާ އިން އެކްސްޕޯޓް ކުރާ މުދަލުގެ އަގު އަހަރަކު 500 ބިލިއަން ޑޮލަރަށް ވުރެ އިތުރާވާއިރު، އެމެރިކާ އިން އިމްޕޯޓު ކުރެވޭ އަދަދު ހުރީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގަ އެވެ.

މުދަލުގެ ބަދަލުގައި، އެޑިއުކޭޝަނާއި ޓޫރިޒަމް ފަދަ ހިދުމަތްތަކުން ޓެކްސް އިތުރުކޮށް، ޗައިނާގައި އިންވެސްޓުކޮށްފައިވާ އެމެރިކާ ކުންފުނިތަކަށް ދަތި ކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފަށާފާނެ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ދެގައުމުން ފެށި މަޝްވަރާތަކަށް ވެސް މާބޮޑު ކުރުއެރުމެއް ލިބިފައެއްނުވެ އެވެ. ދެ ގައުމުގެ މި ތަޅާފޮޅުމުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.

ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މި މައްސަލަ ބޮޑު ވިޔަފާރީގެ ހަނގުރާމައަކަށް ބަދަލުވެ، މުޅި ދުނިޔޭގެ ބާޒާރަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.